ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުން ދިޔަ ނުކުޅެދުންތެރިކަން ހުރި މީހަކު މަރުވި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މީޑިއާ އާ ހިއްސާކުރި މައުލޫމާތުގައި ފުލުހުން ބުނީ، އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމްގައި ފަރުވާ ހޯދަމުން ދިޔަ އެ މީހާ މަރުވިކަމަށް ރޭ 11:30 ހާއިރު ހޮސްޕިޓަލުގެ ފަރާތުން މައުލޫމާތުދިން ކަމަށެވެ.
ފުލުހުން ބުނީ، އެ މީހާ އައިޖީއެމްއެޗަށް ފަރުވާދިނުމަށް ގެންދިޔައީ ތަނަކުން ވެއްޓި ލިބުނު އަނިޔާއަކާ ގުޅިގެނެއް ނޫން ކަމަށާއި، ފުލުހުން ބެލި ބެލުމުން، އޭނާގެ ހަށިގަނޑުގައި ފަރުވާދިނުމުގެ ތެރޭގައި ހުރި ނިޝާނެއް ފިޔަވައި އިތުރު އަނިޔާއެއް ލިބިފައިވާ ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށެވެ. އަދި އާއިލާގެ ފަރާތުން ވެސް އެފަދަ އެއްވެސް ޝަކުވާއެއް ހިއްސާނުކުރާ ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާގެ ހަށިގަނޑުން ސާމްޕަލް ނަގާފައިވަނީ ފުލުހުން ބުނިގޮތުގައި، އެފަދަ މައްސަލަތަކުގައި އާންމުކޮށް އަމަލުކުރާ އުސޫލުންނެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.