އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސްގެ އެހީގައި ގުޅިފަޅުގައި 4000 ސޯޝަލް ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއެއް މިއަހަރު ފެށިގެން ދާނެކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ މާލެއަކީ މުޅި ދުނިޔޭގައިވެސް އެންމެ ބައިބޯ ވެރިކަންކުރާ އެއް ސިޓީކަމަށާއި ވޭތުވެދިޔަ މާޒީގައި މި މައްސަލަ އެކަށީގެންވާ ވަރާ ގާތަށްވެސް ހައްލުކުރުމަށް ސަމާލުކަންދީފައި ނުވާކަމަށެވެ. މި މައްސަލައަށް ފުރިހަމަ ދާއިމީ ހައްލެއް ގެނައުމަކީ، އިޖްތިމާއީ ރޮނގުން އެންމެ ބޮޑު އެންމެ މުހިންމު ޒިންމާ އަދި ވާޖިބުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މާލެ، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ގިރާވަރުފަޅު، އުތުރުތިލަފަޅު އަދި ފުށިދިއްގަރުފަޅުން މާލެ ރައްޔިތުންނަށާއި، މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރިއަށް ގެންދާ ކަމަށެވެ. މި މަސައްކަތްތައް ފުރިހަމަވެގެންދާއިރު މާލެ ސަރަހައްދުގައި ދިރުއުޅޭ ބޯހިޔާވަހިކަމެއް ނެތް ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަން ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރިޔާސީ ބަޔާނުގައި ރައީސް ވަނީ މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތަފްސީލު ހާމަކުރައްވާފައެވެ. އެގޮތުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށް ދާކަން ފާހަގަކުރައްވަމުން ރައީސް ވަނީ ދިމާވި ތަފާތު ދަތިތަކާއެކު ވެސް ސަރުކާރުގެ އަމާޒަކީ، މިއަހަރު ބިން ހިއްކުން ނިންމައި 2026 ވަނަ އަހަރުގައި އަސާސީ ހިދުމަތްތައް ގާއިމްކުރުމާއި މަގު ހެދުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުން ކަމަށެވެ.

ގުޅިފަޅަކީ މާލޭގެ އެތައް ރައްޔިތުންނެއްގެ އުއްމީދާ ގުޅިފައިވާ ތަނެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެތަނުގައި އިތުރު 85 ހެކްޓަރު ހިއްކުމަށް ފައިސާއާއި ކޮންޓްރެކްޓަރަކު ހޯދުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. "ހަމަ އެއާއެކު އެ ތަނުގައި އަސާސީ ހިދުމަތްތައް ގާއިމުކުރުމާއި މަގު ހެދުމަށް މިހާރު ވާނީ ކޮންޓްރެކްޓަރަކާ ހަވާލު ކުރެވިފާ. މާތްاللهގެ ވާގިފުޅާއެކު މާލަސްތަކެއް ނުވެ، އޭގެ އަމަލީ މަސައްކަތް ފެށިގެންދާނެ." ރައީސް ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ ގިރާވަރު ބިން ހިއްކުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެކަމަށެވެ. އަދި ހުޅުމާލެ ފަޅުތެރެއިން ހިއްކަން ފަށާފައިވާ ބިން މިއަހަރު ޖުލައި މަހުގެ ކުރިން ހިއްކާ ނިންމިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. ގުޅިފަޅާ، ގިރާވަރުފަޅާ، ހުޅުމާލެ ފަޅުތެރެއިން ހިއްކާބިމުން ގޯތިލިބިފައިވާ ފަރާތްތަކަށް އެގޯތީގެ ރެޖިސްޓްރީ ބިން ހިއްކާ ނިމެމުންދާހާ އަވަހަކަށް ހަވާލުކޮށް ނިންމާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމަށް އިތުރު ޖާގަ ފަހިކުރުމަށްޓަކައި އުތުރު ތިލަފަޅުން 150 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ފެށިގެން ދާނެކަމަށް ރައީސް ވިދާޅުވިއެވެ. ހަމަ އެއާއެކު އުތުރުތިލަފަޅާއި، ގިރާވަރު އަދި ތިލަފުށި ގުޅުވައިދޭ ބްރިޖުގެ އަމަލީ މަސައްކަތް މިއަންނަ އަހަރު ފެށުމަށް ފައިނޭންސް ހަމަޖެއްސުމަށާއި، އެހެނިހެން ފަންނީ، އިދާރީ މަސައްކަތް މިހާރު ކުރެވިގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައިވެސް މިއަހަރު ސޯޝަލް ހައުސިންގެ އާ މަޝްރޫއުތައް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިއަށްދާ 4000 ފްލެޓް ނިންމުމާއި އަދި ފްލެޓް ލިބޭނެ ކަމަށް އިއުލާންކޮށްފައިވާ 4000 މީހުންގެ ލިސްޓާއި މެދު އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގަވާފައިވާ އެންގުންތަކާއެކު އެ ލިސްޓުގެ ސައްހަކަން ބެލުން އޮތީ މި ސަރުކާރުން ހައްލުކުރަން ޖެހިފައި އޮތް ވަރަށް ހައްސާސީ މައްސަލައެއްގެ ގޮތުގައިކަން ރައީސް ފާހަގަކުރެއްވިއެވެ.

"މާތްالله ގެ އިރާދަފުޅާއެކު ލިސްޓުގެ ސައްހަކަން ބެލުމަށް ކުރެވެމުންދާ މަސައްކަތް ނިމި މި ފެބްރުއަރީ މަސް ނިމުމުގެ ކުރިން ލިސްޓު އިއުލާނު ކުރެވޭނެ." ރައީސް ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ ފްލެޓްތައް ނިމެމުންދާ ނިސްބަތުން ފްލެޓް ލިބޭ ފަރާތްތަކާ ފްލެޓް ހަވާލު ކުރަމުން ގޮސް މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ހުރިހާ ފްލެޓެއް އޭގެ ހައްގުވެރި ފަރާތްތަކާ ހަވާލުކޮށް ނިންމާލެވޭނެކަމަށެވެ.