މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު ރިޝްވާން އައްޔަން ކޮށްފިއެވެ.
ހ. ހަބަރުގެ، މުހައްމަދު ރިޝްވާނު މިއަދު އައްޔަން ކޮށްފައި ވަނީ މީގެ ކުރިން އެ މަގާމު ފުރުއްވަމުން ގެންދެވި މުހައްމަދު ވަޖީހު އިބްރާހިމް މިދިޔަ އާދިއްތަ ދުވަހު ވަކި ކުރުމަށް ފައެވެ. ވަޖީހު މަގާމުން ވަކި ކުރި ސަބަބެއް މިހާތަނަށް ހާމަކޮށްފައި ނުވާއިރު އެ މަގާމަށް ވަޖީހު އައްޔަން ކުރީ ނޮވެމްބަރު 28، 2023 ގައެވެ.
ވަޖީހަކީ 2013 އިން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް އެމްޕީއެލްގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އެމްޕީއެލްގެ ވަޒީފާ އަދާ ކުރެއްވުމުގެ ކުރިން އޭނާ އަކީ ރާއްޖޭގެ ގިނަ ސްކޫލުތަކެއްގެ ޕްރިންސިޕަލްކަމުގެ މަގާމު ފުރުއްވި ބޭފުޅެއްވެސް މެއެވެ.
މިއަދު މިމަގާމަށް އައްޔަން ކުރި ރިޝްވާންއަކީ މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯގެ މަގާމު އަދާ ކުރެއްވި ބޭފުޅެއްވެސް މެއެވެ. އަދި އޭގެ ކުރިން ރައީސް ނަޝީދުގެ ވެރިކަމުގައި އޭނާ ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުވެސް ފުރުއްވާފައެވެ.