ސަރުކާރާއި ހަވާލުވިއިރު 700އަށް ވުރެ ގިނަ މީހުން ފަރުވާއަށް ހުކުމްކޮށްފައި ތިބި ކަމަށާއި ނަމަވެސް މިހާރު އެ އަދަދު 150އަށް ތިރިކުރެވިއްޖެ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއާޕާސަން ލުބްނާ މުހައްމަދު ޒާހިރު ހުސައިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއަށް މައުލޫމާތު ދެމުން ލުބްނާ ވިދާޅުވީ ފަރުވާއަށް ނުވެއްދި ބާކީ ތިބީ 100 އެއްހާ މީހުން ފަރުވާގެ ތެރެއަށް ވެއްދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ. ކޯޓުން ކޮންމެ ދުވަހަކުވެސް ވަރަށް ގިނަ މީހުންގެ މައްޗަށް ހުކުމް ކުރަމުންދާކަން ފާހަގަކޮށް ލުބްނާ ވިދާޅުވީ ހުކުމްކުރާ ވަރަށް އަދި އެންޑީއޭގެ ފަރުވާގެ ނިޒާމު ފޯރުކޮށްދޭ ސެންޓަރުތައް އެހާ ބޮޑު ނޫންކަމަށެވެ. އެހެންނަމަވެސް ހުކުމް ކުރާ ސްޕީޑުގަ މީހުން ފަރުވާއަށް ނުވެއްދުނު ނަމަވެސް ވަރަށް އަވަސް އަވަހަށް ފަރުވާއަށް މީހުން ވެއްދޭތޯ ވަރަށް ގިނަ މަސައްކަތްތައް ކުރެވެމުން ދާ ކަމަށެވެ.
މީގެ އިތުރުން ލުބްނާ ވިދާޅުވީ ފަރުވާއަށް މީހުން ވެއްދުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އެންޑީއޭގެ ބޯޑުން ހާއްސަ ޓާސްކް ފޯހެއް އުފައްދަވާފައިވާ ކަމަށާއި އަދި އެ މަސައްކަތްތައް ދެން ކުރިއަށްގެންދާނީ އެ ޓާސްކް ފޯހުން ކަމަށެެވެ.
ރިމާންޑް އޮޕަރޭޝަންގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ލުބްނާ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ 100 އަށްވުރެ ގިނަ މީހުން މިހާތަނަށް ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދާފައިވާ ކަމަށެވެ. އަދި މިހުރިހާ މީހުންނަކީ މާލޭގެ މަގުތަކުން އަދި ގޭގެއިންނާއި އެހެން ރަށްރަށުން ނަގާފަވާ މީހުންކަން ފާހަގަކޮށް ލުބްނާ ވިދާޅުވީ ކުރިން ގްރޭޓާ މާލެ އޭރިއާއަށް ފޯކަސް ކުރިނަމަވެސް މިހާރު ރާއްޖޭގެ އެހެން ރަށްރަށަށްވެސް ފޯކަސް ކުރަމުން އަންނަކަމަށެވެ. އިތުރަށް ލުބްނާ ވިދާޅުވީ ރިމާންޑަށް ނެގީމަ އޯވަޑޯޒްވާ އަދަދު މަދުވަމުން އަންނަކަމަށެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް ޚާއްސަ އޮޕަރޭޝަނެއް އެންޑީއޭ އާއި ފުލުހުން ގުޅިގެން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 22 ވަނަ ދުވަހުއެވެ.