ވޭޕް ބޭނުން ކޮށްގެން މިދިޔަ މަހު 12 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ވޭޕްގެ އެކި ބާވަތްތައް ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި ބޭނުންކުރުމާއި ހިލޭބެހުމާއި ވިއްކުން މަނާކޮށް، ނޮވެމްބަރު 15، 2024 ވަނަ ދުވަހުން ފެށިގެން މި ގަވއިދަށް އަމަލުކުރަން ފަށާފައިވާއިރު މިދިޔަ ޑިސެންބަރު މަހުގެ 15 އިން 31ގެ ނިޔަލަށް، މި ގާނޫނާ ހިލާފުވި 20 މައްސަލައެއްގައި 17 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ. އަދި މިދިޔަ މަހު 12 މީހަކު ޖޫރިމަނާކޮށްފައިވާއިރު ގާނޫނާ ހިލާފުވާ މީހުންނަށް މޯބައިލް ފޯނުގެ ޒަރިއްޔާއިން ކުރު މެސެޖެއް، ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް ހިމަނާ، ފުލުހުން ފޮނުވާނެއެވެ.

ފުލުހުން ވަނީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެނައި އިސްލާހަށް ހުރިހާ މީހުންވެސް ފުރިހަމައަށް އަމަލުކުރުމަށާއި ގާނޫނު ތަންފީޒްކުރުމުގައި ފުލުހުންގެ ހިދުމަތަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ.

ވޭޕް ބޭނުން މަނާކޮށް އެ ގާނޫނަށް އަމަލުކުރަން ފެށި ނަމަވެސް އަދިވެސް އާންމު ތަންތަނުގައި ވޭޕް ބޭނުންކުރާކަމުގެ ޝަކުވާތައް ގިނައެވެ. މި ގޮތުން ރާއްޖޭގެ އަތޮޅުތަކުގެ ރަށްތަކުގައި ވޭޕް ބޭނުންކުރުމާއި ވިއްކުން މޮނީޓާކުރެވޭނެ ރަނގަޅު އިންތިޒާމެއް ނެތްކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.