ގައުމީ އެއާލައިން، މޯލްޑިވިއަންގެ އޭއާބަސް އޭ-330 މެދުވެރިކޮށް ޗައިނާއަށް މަސް އެކްސްޕޯޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ އޮފީހުގައެވެ. މި ބައްދަލުވުމުގައި މިފްކޯއާއި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އަދި މޯލްޑިވިއަންގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑއިގެންފައެވެ.
މޯލްޑިވިއަން އިން އަލަށް ވައިޑް-ބޮޑީ މަތިންދާބޯޓެއް ގެނެސް ޗައިނާއަށް ދަތުރުތައް ފަށާފައި ވަނީ ހުސްވި ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އެއާއެކު މި ދަތުރުތައް މެދުވެރިކޮށް ދިވެހި މަސްވެރިކަމުގެ ސިނާއަތަށް ލިބޭނެ ފައިދާ ތަކާއި ގުޅޭ މަޝްވަރާތައް މިއަދު ކޮށްފައި ވެއެވެ.
އެގޮތުން މިފްކޯ، އެމްއެސްއެސް، މޯލްޑިވިއަން އަދި މި ސިނާއަތުގެ ސަޕްލަޔަރުންގެ ހުރި ވަސީލަތްތައް ބޭނުންކޮށްގެން ކަޅުބިލަމަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓްކުރު މާގުޅޭ މަޝްވަރާތައް ހިމެނެއެވެ.
އެއްފަހަރާ 260 މީހުން އުފުލޭ އެއާބަސް އޭ330 ބޯޓުގައި ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސްއަށް ވެސް ހާއްސަ ކޮށްފައިވާ އެ ބޯޓުން ދުރުރާސްތާގެ ދަތުރުތައް ކުރެވޭނެ އެވެ. ދަތުރުުކުރާ ކޮންމެ ފަސިންޖަރަކަށް ވެސް 40 ކިލޯގެ ބެގޭޖު އުފުލޭއިރު މި ބޯޓާ އެކު، މޯލްޑިވިއަން އެއާލައިންގެ ފްލީޓުގެ އަދަދު ވަނީ 25 އަށް އިތުރުވެފައެވެ.
މީގެ އިތުރުންވެސް މޯލްޑިވިއަން އިން އަންނަނީ އެއާބަސް އޭ330 ގެ ބޯޓެއް މިއަހަރުގެ ފަހުކޮޅުގައި ވެސް ގެންނަން މަސައްކަތް ކުރަމުންނެވެ. އެއާ އެކު އެއާލައިނުން ޔޫރަޕްގެ ސިޓީތަކަށް ވެސް ސީދާ ދަތުރުތައް ކުރާނެއެވެ.