އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ގެ ބަލާ ފާސްކޮށް ފުލުހުން ގެންދިޔަ 1.4 މިލިއަން ރުފިޔާ އަނބުރާ ފަޒުލް އަށް ދީފިއެވެ.

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅިގެން ފުލުހުން ހިންގި ތަހުގީގުގައި ފަޒުލް ދިރިއުޅޭ ގެ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ބަލައި ފާސްކޮށްފައިވާ އިރު، އެގެއިން ވަނީ ގިނަ އަދަދެއްގެ ފައިސާ ފެނިފައެވެ. އެގޮތުން އެގެއިން 1.4 މިލިއަން ރުފިޔާ ހުރި ދަބަހެއް ވަނީ ފެނިފައެވެ.

ނަމަވެސް މިއަދު މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ފުލުހުން ވަނީ އެޗްޑީސީގެ ގޯތި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުގެ އެޕާޓްމަންޓް ބަލައި ފާސްކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފައިސާއާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ ފައިސާގެ ވެރިފަރާތަށް ފައިސާތައް އަނބުރާ ދީފައިވާ ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ނެތް ބަޔަކަށް ގޯތި ދޫކުރި މައްސަލައެއް ފެންމަތިވުމާއެކު ފުލުހުންނާއި އޭސީސީއިން ހިންގަމުންދާ ޖިނާއީ އަވަސް ތަހުގީގާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، މި ތަހުގީގުގައި ފަޒުލްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނާއާ ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ރަސްމީ ލިޔެކިޔުންތަކެއް ނައްތާލުމުގެ ތުހުމަތު ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ފަޒުލްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ އިރު، އަދިވެސް އޭނާ ފުރުން މަނާ ކުރުމަށް ނެރުނު އަމުރު ދަމަހައްޓާފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައި ވީ ނަމަވެސް، ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ވަނީ އޭގެތެރެއިން 9 މީހެއްގެ ޕާސްޕޯޓް ދޫކޮށްލާފައެވެ. ޕާސްޕޯޓް ދޫކޮށްލި މީހުންގެ ތެރޭގައި ފަޒުލް ރަޝީދާއި އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ޕާސްޕޯޓެއް ނުހިމެނެއެވެ.

މީގެއިތުރުން ރިލެކްސް ފެރީ ސާވިސް އިން ވަނީ 2022 ވަނަ އަހަރު ފަޒުލްގެ ކުންފުންޏާއެކު މުއާމަލާތުކުރެވި ލޯންޗެއް ބަނދެފައިވާ ކަމަށާއި، އިތުރު ލޯންޗެއް ބަނުމަށް މި މިދިޔަ ޑިސެމްބަރު މަހު ފަޒުލް އަށް 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ދީފައިވާނެ ކަމަށް ބުނެފައެވެ.