އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ މައްޗަށް ތުހުމަތު ކުރެވެނީ ރަސްމީ ލިޔެކިޔުންތަކެއް ނައްތާލި ކަމުގެ ތުހުމަތު ކަމަށް ފުލުހުން ބުނެފިއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ނެތް ބަޔަކަށް ގޯތި ދޫކުރި މައްސަލައެއް ފެންމަތިވުމާއެކު ފުލުހުންނާއި އޭސީސީއިން ހިންގަމުންދާ ޖިނާއީ އަވަސް ތަހުގީގާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، މި ތަހުގީގުގައި ފަޒުލްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނާއާ ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ރަސްމީ ލިޔެކިޔުންތަކެއް ނައްތާލުމުގެ ތުހުމަތު ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ފަޒުލްގެ ޕާސްޕޯތް ހިފަހައްޓާފައިވާ އިރު، އަދިވެސް އޭނާ ފުރުނަ ްމަނާ ކުރުމަށް ނެރުނު އަމުރު ދަމަހައްޓާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ނެތް ބަޔަކަށް ގޯތި ދޫކުރި މައްސަލައެއް ފެންމަތިވުމާއެކު ފުލުހުންނާއި އޭސީސީއިން ދަނީ މި މައްސަލައިގެ ޖިނާއީ އަވަސް ތަހުގީގެއް ކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ މަހުގެ 20 ވަނަ ދުވަހު 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައި ވީ ނަމަވެސް، މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ އޭގެތެރެއިން 9 މީހެއްގެ ޕާސްޕޯޓް ދޫކޮށްލާފައެވެ. ޕާސްޕޯޓް ދޫކޮށްލި މީހުންގެ ތެރޭގައި ފަޒުލް ރަޝީދާއި އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ޕާސްޕޯޓެއް ނުހިމެނެއެވެ.

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅިގެން ފުލުހުން ހިންގި ތަހުގީގުގައި ފަޒުލް ދިރިއުޅޭ ގެ މިދިޔަ މަހުގެ 23 ވަނަ ދުވަހު ބަލައި ފާސްކޮށްފައިވާ އިރު، އެގެއިން ވަނީ ގިނަ އަދަދެއްގެ ފައިސާ ފެނިފައެވެ. އެގޮތުން އެގެއިން 1.4 މިލިއަން ރުފިޔާ ހުރި ދަބަހެއް ވަނީ ފެނިފައެވެ.

ރިލެކްސް ފެރީ ސާވިސް އިން ބުނި ގޮތުގައި 2022 ވަނަ އަހަރު ފަޒުލްގެ ކުންފުންޏާއެކު މުއާމަލާތުކުރެވި ލޯންޗެއް ބަނދެފައިވާ އިރު، އިތުރު ލޯންޗެއް ބަނުމަށް މި މިދިޔަ ޑިސެމްބަރު މަހު ފަޒުލް އަށް 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ދީފައިވާނެ ކަމަށެވެ.