ސްކޫލް ނިންމާ ދަރިވަރުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ "ނޭޝަނަލް ސާވިސް ޕްރޮގްރާމް" ފަށަން، ރައީސް އޮފީހުގައި ސެކްޝަނެއް ހަދައި މީހުން ހޯދަން އިއުލާންކޮށްފި އެވެ.
އޯލެވެލް ނިންމާ ކުދިންގެ ތެރެއިން އޭލެވެލްއަށް ނުދާ ކުދިންނާއި ވަޒީފާ ހޯދުމަށް ދަތިވާ ކުދިންނަށް އަސްކަރީ ތަމްރީނު ހެދުމަށް ގާނޫނަކުން މަޖުބޫރު ކުރުވާ ވާހަކަ ރައީސް ހިއްސާ ކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަދި މި ޕްރޮގްރާމު ހިންގުމަށްޓަކައި އަންނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓްގައި 400 މިލިއަން ރުފިޔާ ހިމަނާނެ ކަމަށްވެސް ރައީސް އޭރު ވަނީ ވިދާޅުވެފައެވެ. އަދި އެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު ރައީސް އޮފީހުން މިއަދު ވަނީ، އެ އޮފީހުގެ ނޭޝަނަލް ސާވިސް ކޯޑިނޭޝަން ސެކްރެޓޭރިއޭޓަށް ޑެޕިއުޓީ ޑިރެކްޓަރަކާއި އެސިސްޓެންޓް ޑިރެކްޓަރެއް ހޯދަން އިއުލާންކޮށްފަ އެވެ.
އެ ދެ މަގާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ ނޭޝަނަލް ސާވިސް ޕްރޮގްރާމާ ގުޅޭ ގޮތުން އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ސެކްރެޓޭރިއޭޓް ހިންގަވާ އިސް ބޭފުޅެއްގެ މަޝްވަރާގެ މަތިން ހިންގުމާއި ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ވިލަރެސް ކުރުމެވެ.
އަދި ހަމައެހެންމެ ޕްރޮގްރާމް ހިންގުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކުގެ ޓައިމްލައިން ތައްޔާރުކޮށް، މޮނިޓާކުރުމާއި ޕްރޮގްރާމުގެ މަގުސަދު ހާސިލުވަމުންދާ މިންވަރު ބަލައި އެސެސްމަންޓް ހެދުމަކީ ވެސް އެ މަގާމުގައި ކުރަންޖެހޭ ކަމެކެވެ. ޑެޕިއުޓީ ޑިރެކްޓަރަށް މުސާރައިގެ ގޮތުގައި މަހަކު 15،918ރ، ލިބޭއިރު، އެސިސްޓަންޓް ޑިރެކްޓަރަށް މަހަކު 14،700ރ ލިބޭނެ ކަމަށް އިއުލާނުގައިވެއެވެ.
ޑެޕިއުޓީ ޑިރެކްޓަރަށް ކުރިމަތިލާ ފަރާތަކީ ހުނަރާއި ގާބިލުކަން ސާބިތުކޮށްދިނުމާ އެކު މަގާމަށް ބޭނުންވާ ދާއިރާ އިން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް އޮތުމާ އެކު މަގާމާ ގުޅޭ ދާއިރާއަކުން 9 އަހަރުގެ ތަޖުރިބާ ހުރި މީހަކަށް ވާންޖެހެ އެވެ. އަދި އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާ ފަރާތެއްގެ އެންމެ ދަށްވެގެން ޑިޕްލޮމާއަކާ އެކު 6 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ހުންނަން ޖެހޭނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.
އެ މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާ އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފައެވެ.