ސަރުކާރުން ބޭރު ފައިސާގެ ނިޒާމަށް ގެންނަން ފެށި ބަދަލާއެކު ޑޮލަރުގެ އަގަށް ރަނގަޅު ބަދަލެއް އަންނަން ފަށާފައި ވާކަމަށް ރާއްޖޭގެ ބައެއް ވިޔަފާރިވެރިން ބުނެފިއެވެ.
ކަޅު ބާޒާރުގައި ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ކުރިން ހަފްތާތަކުގައި 19ރ އިން މައްޗަށް އަރާފައި ވާއިރު މިހާރު އެ ރޭޓުވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން މިހާރު ރޭޓް ހުރީ 18.85 ލާރިއަށެވެ.
ޑޮލަރުގެ އަގު ދަށްވާކަން ފާހަގަ ކުރެއްވި އެއް ވިޔަފާރިވެރިއެއް ކަމަށް ވާ އިނާ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްބަސްވިޔަސް ނުވިޔަސް ކަމެއް ބަދަލުވެއްޖެ ކަމަށާއި، އެއީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަށަށް ދިޔުން ކަމަށެވެ.
މިއަދު ކަޅު ބާޒާރުގައި ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ކުރިން ހަފްތާތަކުގައި 19.20 ރުފިޔާއަށް ހުރި ނަމަވެސް 50 ލާރި ދަށްވެފައި ވާކަމަށާއި ހާއްސަކޮށް އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ވިޔަފާރިތަކަށް ފަހި ދުވަހެއް ކަމަށް އޭނާ ވިދާޅުވެއެވެ. "ގެއްލުން ފޫބެދިދާނެ ކަމަށް ލިބޭ ފެހި ސިގުނަލެއް ކަމަށް ބެލެވޭ. މިގޮތުގައި ދެމެހެއްޓިއްޖެ ނަމަ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ވިޔަފާރި ތަކުގެ މާލީ އާލަތު ރަނގަޅު ގޮތުގައި ދެމެހެއްޓުމަށް އެހީތެރިވެދޭ ކަމެއް ކަމުގައި ދެކެން" ފިރާގު ވިދާޅުވިއެވެ.
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު ދަށް ކުރުމަށް ސަރުކާރުން މުހިއްމު ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން ބޭންކުތަކަށް ޑޮލަރު މާރުކުރުން ނުވަތަ ޑޮލަރު ޖަމާ ކުރުން ލާޒިމްކުރާ ބޭރުފައިސާއާ ބެހޭ ގާނޫނު އިސްލާހުކޮށް، އަމަލުކުރަން ފަށާފައި ވާއިރު މި ގާނޫނުގެ ދަށުން ބޭރު ފައިސާގެ އާމްދަނީ ލިބޭ ވިޔަފާރިތަކުން އެ ފަރާތްތަކަށް ލިބޭ އާމްދަނީ ބޭންކުތަކަށް މާރުކުރަން ޖެހެއެވެ.
މި ގާނޫނާއެކު ސަރުކާރަށް ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް، މީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބޭރު ފައިސާ މާރުކުރުމުގެ ގާނޫނު ރަނގަޅަށް ތަންފީޒް ކުރައްވާނެ ކަމަށާއި އެއްވެސް ފަރާތެއް އެ ގާނޫނުން އިސްތިސްނާ ނުވާނެ ކަމަށެވެ.