ބިދޭސީއެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު ދެ މީހުން ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ.
މާލޭގެ ގުލާބީ ގޯޅީގައި ބަޔަކު މީހުން ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފައި ވަނީ ހުސްވި ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އުމުރުން 36 އަހަރުގެ ފަވާޒު ކަޅުތުއްތު، ހ. ރެނދަން، މާލެ އަދި އުމުރުން 36 އަހަރުގެ ސޮފްވާން އަލީ، ލަކީހައުސް، ތ. ތިމަރަފުއްޓެވެ. މި ދެ މީހުންގެ ފޮޓޯ އާންމުކޮށް މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ފަވާޒާއި ސޮފްވާންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެ ދެމީހުން ބަންދަށް 10 ދުވަސް ޖަހަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
އެ ދެމީހުން ބިދޭސީ މީހާގެ އަތުން 33،500 ރުފިޔާ ފޭރުނުއިރު ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
މިފަދަ މައްސަލަތައް ދޭތެރެއަކުން ފެންމަތިވަމުން އަންނައިރު މިދިޔަ އަހަރު ވެސް އެންމެ ގިނައިން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ. މިއަހަރުގެ މިހާތަނަށް ވެސް އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައި ވަނީ ވައްކަމާއި ފޭރުމުގެ މައްސަލަތަކަށްވާއިރު މި އަހަރު ތެރޭ ވައްކަމުގެ 201 މައްސަލަ ރިޕޯޓްކޮށްފައިވާ އިރު، ފޭރުމުގެ 17 މައްސަލަ ވަނީ މިހާތަނަށް ރިޕޯޓްކޮށްފައެވެ.