އަންނަ ރޯދަމަހު އަޅުކަމުގެ ކަންކަމަށް އިސްކަންދިނުމުގެ ގޮތުން ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ނުބޭއްވުމަށް، ގދ. ތިނަދޫ ސިޓީ ކައުންސިލުން އަންގައިފިއެވެ.

ތިނަދޫ ކައުންސިލުން ބުނީ އެހެން އަހަރުތަކާ އެއްގޮތަށް، މިއަހަރުގެ ރޯދަ މަހަކީ ވެސް ވީހާވެސް ބޮޑަށް އަޅުކަމަށް އިސްކަންދީ، ރައްޔިތުންގެ މެދުގައި އިސްލާމީ ރިވެތި އާދަކާދައާއި އުސޫލުތައް އާލާވާން ފުރުސަތު ފަހިވާ ދުވަސްތަކަކަށް ހެދޭތޯ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ކައުންސިލުން ވަނީ ތިނަދޫ ސިޓީގައި ހުރި ތައުލީމު ފޯރުކޮށްދޭ ތަންތަނުންނާ ސަރުކާރާ އެނޫންވެސް އެހެނިހެން މުއައްސަސާ ތަކުން އަދި ވިޔަފާރިވެރީންގެ އިތުރުން ކުލަބު ޖަމިއްޔާ ޖަމާއަތްތަކާ، އެކިއެކި ރަސްމީ އަދި ނުރަސްމީ ޓީމުތަކާއި ގްރޫޕްތަކުން ރޯދަ މަހުގެ މަގުސަދު ހާސިލްކޮށްދިނުމަށް އެކަކު އަނެކަކަށް މަގުފަހި ކުރެވޭނޭހެން އެންމެހާ ކަންކަން ތަރުތީބުކޮށް އިންތިޒާމް ކުރުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް އެދިފައެވެ.

މީގެ އިތުރުން ދުވާލު ރޯދައަށް ތިބޭ ވަގުތުތަކުގައި އެކަކު އަނެކަކަށް ވީހާ ވެސް ބޮޑަށް ހަމްދަރުދީވެ އަޅާލައި ރަސްމީ މަސައްކަތަށް މާބޮޑު ބުރުލެއް ނާރާނެހެން ވީހާވެސް ބޮޑަށް އަޅުކަމަށް މަގުފަހިވާގޮތަށް ކަންތައްތައް އިންތިޒާމުކުރުމަށް ވަނީ އެދިފައެވެ. އަދި ފަރުޟު ނަމާދުތަކުގެ ޖަމާއަތުގެ ވަގުތުތަކާ، ތަރާވީހް ނަމާދު އަދި ރޯދަވީއްލުމުގެ ވަގުތުފަދަ ވަގުތުތަކަށް ފުށު ނާރާނެހެން އަދި އެއްވެސް މީހަކަށް ދަތިނުވާނެހެން ރަސްމީ ތަންތަނުގެ ޑިއުޓީތަކާއި އެހެނިހެން ރަސްމީ އަދި ނުރަސްމީ ކަންކަން އިންތިޒާމް ކުރުމަށް އެދިފައެވެ.

އިތުރަށް ތިނަދޫ ކައުންސިލުން ވަނީ ދުވާލުގެ ވަގުތުވެސް އަދި ހާއްސަކޮށް ރޭގަނޑުގެ ވަގުތުތަކަށް އެއްވެސް ބާވަތެއްގެ ކުޅިވަރު ހަރަކާތްތަކެއް ނުވަތަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް އެއްވެސް ބަޔަކު އެއްވެސް މިންވަރަކަށް ތިނަދޫ ސިޓީގައި އިންތިޒާމްކޮށް ނުހިންގުމަށް އެދިފައެވެ.

މީގެ އިތުރުން ތިނަދޫ ކައުންސިލުން ބުނީ ކަސްރަތާއި ސިއްހީ ބޭނުންތަކަށް، ހަރަކާތްތެރިވާ މީހުންނަށް މަގުފަހިކޮށްދިނުމަށްޓަކައި ރަށުގައި ގާއިމުކޮށްފައިވާ ކުޅިވަރު މައިދާންތަކާއި، ދަނޑުތަކާއި، ޓްރެކްތައް ފަދަ ތަންތަން ދުވާލާއި ރޭގަނޑުގެ ކަނޑައެޅޭ ވަގުތުތަކުގައި އާއްމުކޮށް ހުޅުވާފައި ބަހައްޓާނެ ކަމަށެވެ. އަދި ކައުންސިލްގެ ބެލުމުގެ ދަށުގައިހުރި ތަންތަނުގެ ތެރެއިން ވަގުތު ކަނޑައެޅިގެން ހުޅުވާފައި ބަހައްޓާ ތަންތަނުގެ މައުލޫމާތު އާންމުކުރަމުން ދާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މިފަދަ ކަންކަން ކުރިޔަށް ގެންދިއުމަށްޓަކައި އެއްބާރުލުން ނުދޭ ފަރާތްތަކާ، އަދި ގަސްތުގައި މިފަދަ އުސޫލުތަކާ ހިލާފަށް އަމަލުތައް ބަހައްޓާ ފަރާތްތަކަށް، އެއިން އެއްވެސް ކަމެއްގައި އެއިދާރާގެ އެއްބާރުލުން ނުލިބޭނެކަން ފާހަގަކޮށް ކައުންސިލުން ވަނީ މިކަންކަމާއި ހިލާފަށް އަމަލުތައް ބަހައްޓާ މީހުންނާ މެދު ފިޔަވަޅު އަޅަން ޖެހޭ ހާލަތުގައި ކައުންސިލުން އެފަދަ ފިޔަވަޅުވެސް އަޅަމުންގެންދާނެ ކަމަށް ބުނެފައެވެ.