ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އާއި ހަވާލުކޮށްގެން 'ބުލޫސް ހައުސިން މަޝްރޫއޫ' ގެ ނަމުގައި ހިންގި ފުލުހުންނަށް ބޯހިޔާވަހިކަން ދިނުމުގެ ހައުސިން މަޝްރޫގައި ބޮޑެތި ހިޔާނާތްތަކެއް ވާކަމަށާއި، ކޮންޓްރެކްޓަރުންނަށް ފައިދާވާ ގޮތަށް އެއްބަސްވުންތަކަށް ބަދަލުގެނެސްފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

2013 ވަނަ އަހަރުގެ ޖޫން 23 ގައި ފެށި މި މަޝްރޫއަށް މިހާތަނަށް 1.06 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި، އަކަ ފޫޓަކަށް 1،851 ރުފިޔާގެ ރޭޓުން ހަރަދުކޮށްފައިވާ އިރު މިހާތަނަށް ކުރި ހަރަދަކީ މަޝްރޫގެ ދެގުނަ އަގު ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ. ނަމަވެސް އާންމު ގޮތެއްގައި ކޮންސްޓްރަކްޝަން މަސައްކަތް ކޮށްދޭ އަމިއްލަ ކުންފުނިތަކުން އަކަފޫޓަކަށް 1،300 ރުފިޔާއާއި 1،500 ރުފިޔާއާ ދެމެދުގެ އަގެއްގައި އެ ފަދަ ކޮންސްޓްރަކްޝަން މަސައްކަތް ކޮށްދޭ ކަމަށް ފިނޭންސް މިނިސްޓްރީ އާއި ހަވާލާދީ އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

އެ ރޭޓަށް ބަލާއިރު މި މަޝްރޫއުގެ އަސްލު އަގަށް ޖެހެނީ 745.3 މިލިއަން ރުފިޔާ ނުވަތަ އެންމެ ބޮޑުވެގެން ވެސް 859.9 މިލިއަން ރުފިޔާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ. އެހެންކަމުން 240.1 މިލިއަން ރުފިޔާއާއި 354.7 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް އިތުރަށް ހަރަދުވެފައިވާކަމަށާއި، މިކަމުން ހާމަވަނީ ފްރޯޑާއި ކޮރަޕްޝަނުގެ އަމަލުތަކަށް ޝައްކުކުރެވޭ ކަންކަން މި މަޝްރޫއުގެ ތެރޭގައި ހިންގާފައިވާ ކަން ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ގާތްގަނޑަކަށް ދެގުނަ ހަރަދުކޮށްފައިވުމުން ދައްކައިދެނީ މި ފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމުގެ ފަންނީ ގާބިލުކަން ޕޮލްކޯގައި ނެތްކަމާއި، ކޮންޓްރެކްޓަރުންނަށް ފައިދާވާ ގޮތަށް އެއްބަސްވުމަށް ބަދަލު ގެނެސްފައިވުމާއި، ފްރޯޑާއި ކޮރަޕްޝަންގެ އަމަލުތަކަށް ޝައްކުކުރެވޭ ކަންކަން މި މަޝްރޫއުގެ ތެރޭގައި ހިނގާފައިވާ ކަމެވެ،
އޮޑިޓް ރިޕޯޓް

މި މަޝްރޫއު ފަހުން އައިލެންޑް އެކްސްޕާޓްއާ ހަވާލުކުރުމުގައި އެ ކުންފުނީގެ ވެސް ފަންނީ އަދި މާލީ ގާބިލުކަން ވަޒަންކޮށްފައި ނުވާކަމަށާއި، އައިލެންޑް އެކްސްޕާޓަކީ ނޫމަޑީގެ ސަބް-ކޮންޓެކްޓަރުކަން ފާހަގަކޮށް، އޮޑިޓް ރިޕޯޓުގައި ބުނީ، އައިލެންޑް އެކްސްޕާޓުގެ މެނޭޖިން ޑިރެކްޓަރަކީ ނޫމަޑީގެ މަންދޫބެއް ކަމަށެވެ.

މި މުއާމަލާތްތަކުގެ ގާނޫނީ ސިފައަށްވުރެ ހަގީގީ އިގްތިސާދީ ތަބީއަތަށް، 'ސަބްސްޓަންސް އޯވާ ލީގަލް ފޯމް'އަށް ރިއާޔަތް ކުރާއިރު، މި އެއްބަސްވުމުގެ ހަގީގީ މާލީ މަންފާވެރިއަކީ، Mr. X ކަމަށް [ބެލެވޭ]،
އައިލެންޑް އެކްސްޕާޓުގެ މެނޭޖިން ޑިރެކްޓަރަށް ނިސްބަތްކޮށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައި

އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން މި ފަރާތަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދައްކާފައިވާ ފައިސާތައް:

  • ނޫމަޑި - 96،324،299ރ.

  • އައިލެންޑް އެކްސްޕާޓް - 441،944،785ރ.

  • ގްލޯބަލް އެކްސްޕްރެސް - 70،024،572ރ.

  • ފުނަކީ އިމްޕޯޓް އެންޑް އެކްސްޕޯޓް - 36،223،214ރ.

  • ޑީކޭއެމް ވޯލްޑްވައިޑް - 24،013،521ރ.

  • ދެކޯމަސް - 14،225،777ރ.

އޮޑިޓް ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ މި މަޝްރޫގެ މުއާމަލާތްތަކުގައި ކޮންޓްރެކްޓަރަށް ނުވަތަ ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކަންތައްތަކެއް ހިންގާފައިވާ ކަމަށް ބެލެވޭތީ، މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް މި މައްސަލަ ތަހުގީގު ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެހެނިހެން ތަހުގީގީ އިދާރާތަކަށް ހުށަހެޅުމަށާއި، ހައުސިން މަޝްރޫއުތައް ފަދަ ބޮޑެތި ޕްރޮޖެކްޓްތައް ޕޮލްކޯއިން ކުރިއަށް ގެންދިޔުމުގެ ބަދަލުގައި އެކަމާ ގުޅޭ މިނިސްޓްރީއަކުން ކުރިއަށް ގެންދިޔުމަށެވެ.