ނ. ހޮޅުދޫގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ އެހީ ހޯދަން ފަށައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ޒަކިއްޔާގެ މަރުގެ ތަހުގީގުގައި ދިވެހި ފުލުހުން ހޯދާފައިވާ ހޯދުންތައް އެފްބީއައި އާއި ހިއްސާ ކޮށްފައިވާކަމަށާއި، އެ މީހުންގެ އެހީތެރިކަން ހޯދަމުން ގެންދާ ކަމަށެވެ.
މީގެއިތުރުން ފުލުހުންގެ ސީނިއާ ތަހުގީގު ޓީމެއް މި މައްސަލަ ރިވިއު ކުރުމަށްޓަކައި ނ. ހޮޅުދޫއަށް ޒިޔާރަތްކޮށްފައިވާކަމަށާއި، އިތުރަށް ބަލަންޖެހޭ ކަންކަން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އުމުރުން 50 އަހަރުގެ ޒަކިއްޔާ އޭނާ ދިރިއުޅޭ ގޭގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ހެނދުނުއެވެ. ޒަކިއްޔާ މަރުވެފައި އޮތްތަނުން ފެނުނު ވަޅީގައި އަދި ޒަކިއްޔާގެ ހެދުމުގައި ލޭ ނެތް ކަމަށް ރަށު ތެރޭގައި ތުހުމަތު ކުރެވުނު ނަމަވެސް، ވަޅި އާއި ހެދުމުގައި ވެސް ގިނަ އަދަދެއްގެ ލޭ ހުރި ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ޒަކިއްޔާ މޫސާ މަރާލި ކަމުގެ އެއްވެސް ހެއްކެތް ފެންނަން ނެތްކަމަށާއި އޭނާ މަރުވީ ކަރަށް ލިބުނު ޒަހަމްތަކުގެ ސަބަބުންކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވާ އިރު، އެކަމާ ގުޅިގެން ޒަކިއްޔާގެ އާއިލާއިން އަދި ހޮޅުދޫގެ ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މަރުގެ ތަހުގީގު ހިންގައި އިންސާފު ހޯދައި ދިނުމަށް ގޮވާލައި އިހުތިޖާޖުތައް ވެސް ހިންގާފައި ވެއެވެ.