ކައުންސިލްގެ އިމާރާތްތައް އަޅަން ހެކްސްޓާ މޯލްޑިވްސްގެ ނަމުގައި ކުންފުންޏެއް އުފައްދާފައި ވާކަމަށް ލޯކަލް ގަވަމެންޓު މިނިސްޓަރު، އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ކޮންޓެކްޓް ފައިނޭންސް އުސޫލުން އިމާރާތް ކުރާ ކައުންސިލްތައް އިމާރާތް ކުރާނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ހެކްސްޓާ ގްލޯބަލް އިން ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށް ދާނީ ރާއްޖޭގެ ހަރަދުގައި ރާއްޖޭގައި މަސައްކަތްކުރާ މީހުންގެ ބޭނުން ހިފައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހެކްސްޓާއަށް އެޑްވާންސްކޮށް އެއްވެސް ފައިސާ އެއް ނުދޭކަން ހާމަކޮށް މިނިސްޓަރު ވިދާޅުވީ ސަރުކާރުން ހެކްސްޓާއަށް ފައިސާ ދޭނީ އިމާރާތް ނިމި، ފަރުނީޗަރުތައް ހަމަކުރާތާ 03 މަސް ފަހުން ކަމަށެވެ. މި ޕްރޮޖެކްޓުން ދިވެހިންނަށް މަސައްކަތް ލިބޭނެކަން ހާމަކޮށް މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ދާނީ ދެ ފުށް ފެންނަ ގޮތަށް ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކައުންސިލް އިދާރާތައް އިމާރާތްކުރުމުގެ މަސައްކަތް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ރަށްރަށުގެ ކައުންސިލްތަކުގެ ހާލަތު އަމިއްލަފުޅަށް ދެކިވަޑައިގެންނެވުމަށް ފަހު ކަމަށެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މިނިސްޓަރު ވިދާޅުވީ ކައުންސިލުތަކުގެ މިހާރުގެ ހާލަތަށް ބަލައި، ސަރުކާރުން 55 ކައުންސިލް އިމާރާތުގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭސް އިސޫލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިހާރު މި ފަށާ 55 ކައުންސިލް އިމާރާތުގެ އިތުރުން ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ފަށާ ކައުންސިލްތަކުގެ މަސައްކަތް ވެސް މި އަހަރުގެ ކުރީ ކޮޅު ފެށިގެންދާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މި ދެ މަޝްރޫއުގެ މަސައްކަތް ނިމޭ އިރު ޖުމްލަ 105 ކައުންސިލެއްގެ އިމާރާތުގެ މަސައްކަތް ނިމިގެންދާނެކަމަށެވެ.