މިވަގުތު ފެނަކައިގެ ދަރަނިތައް ދެއްކުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވި ނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގަން އަމިއްލައަށް މަސައްކަތް ކުރަންޖެހޭ ކަމަށް ފެނަކަ ކޯޕަރޭޝަންގެ އާ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި ނަޖާހު ވިދާޅުވީ ސަރުކާރުން އިތުރަށް ފައިސާ ދޭން ނުޖެހި ހަރަދު ކުޑަކޮށްގެން ފެނަކަ ހިންގޭނެ ކަމަށެވެ. ނަޖާހު ވިދާޅުވީ ދާއިމަށް ސަރުކާރުން ފައިސާ ދީގެން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ނުހިންގޭނެ ކަމަށް ގަބޫލުކުރައްވާކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގަން އަމިއްލައަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އެކަމަށް މިހާރު އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަކަމަށް ނަޖާހު ވިދާޅުވިއެވެ.
ފެނަކައިގެ ހަރަދު ކުޑަކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަން ފާހަގަކޮށް ނަޖާހު ވިދާޅުވީ ކުންފުނީގެ ޕްރޮކިއުމެންޓް ނިޒާމުގެ ތެރެއިން ކުންފުނިން ކުރަމުުންދާ ހަރަދުތައް ބަލައި އޭގެ ތެރެއިން ބޮޑުއެއްޗެއް ސަލާމަތް ކުރެވޭނެ ކަމަށެވެ. އެ ގޮތުން ޕްރޮކިއުމެންޓް ނިޒާމުން އެކަނިވެސް ކުންފުނީގެ 40 ޕަސެންޓު ހަރަދު ކުޑަކުރެވޭނެކަމަށް ނަޖާހު ވިދާޅުވިއެވެ.
ފެނަކަ ކުންފުނީގެ މުވައްޒަފުންނާއި ސްޓްރަކްޗާ ހަރުދަނާ ކުރުމަށް މަސައްކަތްކުރަމުން ދާކަން ފާހަގަކޮށް ނަޖާހު ވިދާޅުވީ މިއީ މުސާރައަށް ބަދަލު ގެނައުމަށް ނުވަތަ މުވައްޒަފުން މަދުކުރުމަށް ކުރެވޭ މަސައްކަތެއް ނޫންކަމަށެވެ. އަދި މިއީ ކުންފުނި ހިންގުން ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށާއި އަދި މިކަމުގައި ލަފާ ހޯދަން ޖެހޭ ފަރާތްތަކުގެ ލަފާވެސް ހޯއްދަވާނެކަމަށެވެ.