ބާތިލު ގޮތުގައި މުދާ ކެއުމަކީ ހަރާމް ކަމެއް ކަމަށް މިއަދުގެ ހުތުބާގައި ގޮވާލައިފިއެވެ.
މުދަލަކީ ދެ މިޔަލީ ކަނޑިއެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ، އެއީ ބިނާކުރުމަށާއި ފަނާކުރުމަށްވެސް ބޭނުން ކުރެވިދާނެ ވަސީލަތެއް ކަމަށެވެ. އަދި އެއީ އިންސާނާ ހަލާލު ގޮތުގައި މުދާ ހޯދައިފި ނަމަ އަދި ހަލާލު ގޮތުގައި ވުނަކޮށްފިނަމަ، އަދި ހަލާލު ގޮތުގައި ހޭދަކޮށްފި ނަމަ، އޭގެން އޭނާއަށް ބާއްޖަވެރިކަން ގެނެސްދޭނެ އެއްޗެއް ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.
މުދަލަކީ އިންސާނާގެ ހަޔާތުގައި މުހިންމު އެއްޗަކަށްވާއިރު، އެއާ މެދު ނުހަނު ބޮޑަށް ރައްކާތެރިވާން ޖެހޭނެ ކަމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި އިސްލާމްދީނުގައި މުދާ ހޯދުމަށާއި މުދާ ހޭދަކުރުމަށް ހަރުދަނާ ނިޒާމެއް ލައްވައިފައިވާއިރު އެހެން މީހުންގެ މުދަލަށް އަރައިގަތުން ހަރާމް ކުރައްވާފައިވާ ކަމަށް ހުތުބާގައި ބުންޏެވެ.
"މުދަލަށް ހިޔާނަތްތެރިވުމާއި، މުދާ ފޭރުމާއި، މުދަލުން ވައްކަންކުރުމާއި، ޓެކުމާއި، ރިޝްވަތުނެގުމާއި ރިބާކެއުމާއި ޖުވާކުޅުން ފަދަ ކަންކަމުން މުދާ ހޯދުމަކީ މި ދީން މަނާކުރާ ކަންތައްތަކެވެ. ނުފޫޒާއި ބާރު ބޭނުންކޮށްގެން ނާޖާއިޒު ގޮތުގައި އާންމު ފަރުދުންގެ މުދަލުންނާއި ދައުލަތުގެ މުދަލުން ތަނަވަސްކަން ހޯދުމަކީ ހަރާމް ކަމެކެވެ." ހުތުބާގައި ބުނެފައި ވެއެވެ.
ބާތިލު ގޮތުގައި ދައުލަތުގެ މުދާ ކެއުމުގެ ތެރޭގައި ފައިސާއާއި ތަކެތި ބަލަހައްޓާ މުވައްޒަފުގެ އަތުގައި ހުންނަ ފައިސާއާއި ތަކެތީގައި ޖެހުން ކަމަށްވާއިރު މިއީ ހަރާމް ކަމެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ، ބާތިލު ގޮތުގައި މުދާ ކެއުމުގެ ތެރޭގައި ތިމާ ކުރަންޖެހޭ މަސައްކަތް ރަނގަޅަށް ނުކުރުމާއި މަސައްކަތުގެ ގަޑީގައި ވަގުތު ބޭކާރުކުރުން ހިމެނޭ ކަމަށެވެ.
އަދި ދައުލަތުގެ މުދަލަށް ހިޔާނަތްތެރިވުމުގެ ތެރޭގައި ރިޝްވަތު ނެގުންވާކަން ފާހަގަކޮށް ހުތުބާގައި ބުނީ އެއީ ކަންކަން ފާސިދުކުރާ ވަބާއެއް ކަމަށެވެ. "އެއީ ހައްގު ބާތިލަށް ހަދައި، އަދި ބާތިލު ހައްގުކަމަށް ފުރޮޅައިލާ އާލަތެކެވެ. ރިޝްވަތަކީ ވަރަށް ތަފާތު ނަންނަމުގައި ވަރަށް ގިނަ ސިފަސިފައިގައި، މީހުން މަޅީގައި ޖެއްސުމަށާއި ބޭއިންސާފުން ކަންތައްތައް ކުރުވުމަށް ބޭނުންކުރާ ތޫނު ހަތިޔާރެއް" މިއަދުގެ ހުތުބާގައި ބުންޏެވެ.
ހަދިޔާއެއް ނުވަތަ ސައެއް ނުވަތަ އެހެން ނަމެއްގައި ދިން ނަމަވެސް އެ ވާނީ ރިޝްވަތަށް ކަމަށާއި ދުނިޔެމަތީގައި އެކަމުގެ އުގޫބާތުން ސަލާމަތްވި ނަމަވެސް އާހިރަތުގެ އުގޫބާތުން އެމީހާ ސަލާމަތެއްނުވާނެކަމަށް ހުތުބާގައި ބުނެފައި ވެއެވެ.