މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ހުސްވެފައިވާ ދެ މަގާމަށް ގ. ގޮފި، އާމިނަތު ސަރާހަތު އާއި ހއ. އިހަވަންދޫ، ހުސްހަކުރުގެ، މުހައްމަދު އަބްދުﷲ (މުހަންމާ) އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ބްރޯޑްކޮމްގެ މެންބަރުން ހޮވުމަށް ވޯޓަށް އަހާފައިވާ އިރު، އާމިނަތު ސަރަހާތު ބްރޯޑްކޮމްގެ މެންބަރު ކަަމަށް ހޮވުމަށް ވޯޓަށް ހުޅުވާލުމުން ޖުމްލަ 68 މެންބަރުން ބައިވެރިވެވަޑައިގެންފައި ވެއެވެ. މި ވޯޓުގައި ބައިވެރިވަޑައިގެން ހުރިހާ މެންބަރުން ވެސް ވަނީ ބްރޯޑްކޮމްގެ މެންބަރު ކަމަށް ސަރާހަތު ހޮވުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. އެއާއެކު ސަރާހަތު ބްރޯޑްކޮމްގެ މެންބަރު ކަމަށް ހޮވުމަށް ވަނީ ފާސްވެފައެވެ.

ދެވަނައަށް ވޯތަށް އަހާފައި ވަނީ ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލި، ޝިފާޒާ މުސްތަފާއަށެވެ. އޭނާ ބްރޯޑްކޮމްގެ މެންބަރު ކަމަށް ހޮވުމަށް ފެންނަ ކަމަށް 11 ވޯޓު އަދި ނުފެންނަ ކަމަށް 50 ވޯޓު ވަނީ ދެއްވާފައެވެ. އެއާއެކު އޭނާ މެންބަރުކަމަސް ހޮވުމަށް ފާހެއް ނުވިއެވެ.

ތިންވަނަ ފަރާތަކަށް މުހައްމަދު އަބްދުﷲ ބްރޯޑްކޮމްގެ މެންބަރު ކަަމަށް ހޮވުމަށް ވޯޓަށް އަހާފައިވާ އިރު، ވޯޓުގައި ޖުމްލަ 60 މެންބަރުން ބައިވެރިވެވަޑައިގެންފައި ވެއެވެ. ފެންނަ ކަމަށް 58 މެންބަރުން ވޯޓު ދެއްވާފައިވާ އިރު ނުފެންނަ ކަމަށް ވަނީ 2 މެންބަރުން ވޯޓު ދެއްވާފައެވެ. އެއާއެކު މުހައްމަދު އަބްދުﷲ ބްރޯޑްކޮމްގެ މެންބަރު ކަމަށް ހޮވުމަށް ވަނީ ފާސްވެފައެވެ.

ތިން ފަރާތެއްގެ ނަން ވޯތަށް އެހި އިރު ދެ ފަރާތެއް ބްރޯޑްކޮމްގެ މެންބަރުކަމަސް ހޮވުމާ އެކު މެންބަރު ކަމަށް ކުރިމަތިލި އިތުރު ފަރާތެއްްގެ ނަން ވޯތަށް އަހާފައެއް ނުވެއެވެ.

ބްރޯޑްކޮމް އަށް ދެ މެންބަރު ހޮވާފައި މިވަނީ އެ ކޮމިޝަންގެ ކުރީގެ ރައީސް މަރިޔަމް ވަހީދާ އާއި މެންބަރު އަލީ ޔޫސުފްގެ ދައުރު ހަމަވުމުންނެވެ.