އިއްޔެ މާލެއަށް ކުރި ވިއްސާރައިގައި މާލޭގައި ފެންބޮޑުވުމުގެ ސަބަބުން އެހީތެރިކަމަށް އެދި 774 ތަނަކުން ރުިޕޯޓްކުރި ކަމަށާއި 226 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހުނު ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭ އިން ބުނާ ގޮތުގައި މާލެއިން އެހީތެރިކަމަށް އެދި 774 ތަނަކުން ރިޕޯޓްކޮށްފައިވާ އިރު، 554 ރިކުއެސްޓަކީ ވެލި ބަސްތާ ޖެހުމަށް ކޮށްފައިވާ ރިކުއެސްޓެވެ. ހަމައެއާއެކު މާލެއިން ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅިގެން 53 ގެއަކުން ރިޕޯޓްކޮށްފައިވާ އިރު، އާންމު ދިރިއުޅުމަށް ހުރަސް އެޅިފައިވާ 36 ގޭބިސީގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ފޯރުކޮށް ދީފައެވެ.

މާލޭގައި ގޭގޭގައި ވެލި ބަސްތާ ޖަހައި ދިނުމަށް ކުރި މަސައްކަތުގައި މާލެ ސިޓީ ކައުންސިލްާއި، ފުލުހުންނާއި، ސިފައިންގެ އިތުރުން ލޯކަލް ގަވަމަންޓް މިނިސްޓްރީއާއި ސްކައުޓުން ހަރަކާތެރިވެފައި ވެއެވެ. ފެން ހިއްކުމުގެ މަސައްކަތުގައި ސިފައިންގެ އިތުރުން އަމިއްލަ ފަރުދުން ވެސް ހަރަކާތްތެރިވެފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.

އިއްޔެ މާލެއަށް ކުރި ވިއްސާރައިގައި މާލޭގައި ވަނީ ބޮޑަށް ފެންބޮޑުވެފައެވެ. މާލޭގެ ބޮޑު ސަރަހައްދެއްގައި ކަކޫތާ ހަމައަށް ފެންހުރި އިރު އަނެއް ބައި ސަރަހައްދުގައި އުނަގަނޑާ ހަމައަށް ފެން ބޮޑުވެފައި ވެއެވެ. މާލޭގައި ހިނގާބިނގާވެ އުޅުމަށް އެތައް ހުރަސްތަކެއް ދީމާވެފައިވާ އިރު، ދުއްވާ އުޅަނދުތަކުގައި ވެސް އިއްޔެ ނިކުމެ އުޅުން ވަނީ ދަތި އުނދަގުލަކަށް ވެފައެވެ.

އިއްޔެ ފަތިހު ވާރޭ ވެހެން ފެށިގޮތަށް ވާރޭ ވެހުން މެދުކަނޑާލާފައި ވަނީ ރޭގެ 7:30 ހާއިރުއެވެ. އެއަށް ފަހު ރޭގެ 10 ޖެހުމާ ހަމައަށް އައި އިރު ވެސް މާލޭގެ މަގުތަކުން ފެން ހިނދިފައެއް ނުވެއެވެ. އާންމުކޮށް މާލޭގައި ފެންބޮޑުވާ ސަރަހައްދުތަކުގައި ހުރި އެތައް ގެތަކަކާއި ފިހާރަތަކެއްގެ ތެރެއަށް ފެން ވަދެ އާންމުން އަމިއްލައަށް ފެންހިނދުމަށް ވަނީ އެތައް މަސައްކަތެއް ކޮށްފައެވެ. އެގޮތުން މާލޭގެ 11 ސަރަހައްދެއްގައި 16 ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

އިއްޔެ މާލޭގެ ގިނަ ސަރަހައްދުތަކަކުން ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވާ އިރު މިހާރު ފެން ހިންދުމުގެ މަސައްކަތް ކުރަމުން ދަނީ ވެސްޓް ޕާކް ސަރަހައްދުގައި އެކަންޏެވެ. މިއަދު ހެނދުނު 7:45 އާ ހަމައަށް މަލެއިން ވަނީ 30،406 ޓަނުގެ ފެން ހިންދާފައެވެ.