ފާއިތުވި 24 ގަޑިއިރި އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ހުޅުމާލެއަށާއި ބ. ދަރަވަންދޫއަށް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓް އޮފީހުން ވަނީ، އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ރާއްޖޭގެ ރަށްތަކަށް ވާރޭވެހުނު މިންވަރުގެ ރެކޯޑު މެޓުން އާންމުކޮށްފައެވެ. އެގޮތުން އެ ވަގުތުތަކުގައި ހުޅުމާލެއަށް 84.2 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، ދަރަވަންދޫއަށް 83.5 މިލިމީޓަރުގެ ވާރޭ ވެހުނުކަމަށް މެޓް އޮފީހުން ބުނެއެވެ.
ތިންވަނައަށް އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑު ކުރެވިފައިވަނީ އއ. ތޮއްޑޫއަށެވެ. ތޮއްޑޫއަށް 72.3 މިލިމީޓަރުގެ ވާރޭވެހިފައިރު، ސ. ހިތަދޫއަށް 70.6، ހުޅުލެއަށް 69، މާލެއަށް 66، ގއ، ގެމަނަފުއްޓަށް 61.6 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ވަނީ ރެކޯޑު ކުރެވިފައެވެ.
މީގެ އިތުރުން ވެސް ފ. ބިލެއްދޫ، 55.5 މިލިމީޓަރު، ގއ. ކޫއްޑޫ، 54.5 މިލިމީޓަރު، ލ. ކައްދޫ، 52 މިލިމީޓަރު، ފ. ނިލަންދޫ 47.8 މިލިމީޓަރު، ޏ. ފުވައްމުލައް، 48 މިލިމީޓަރުގެ ވާރޭ ވެހިފައި ވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. އެގޮތުން ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.
މީގެ އިތުރުން މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފައެވެ. ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ހަމައަށް ހެނދުނު 11:30 އިން 15:30 އަށެވެ.
