2025 ވަނަ އަހަރުގެ ސޮޕްޓްވެއާ އަޕްޑޭޓާއެކު 2024 ވަނަ އަހަރުގެ ޑިޖިޓަލް ކަލަންޑަރު "ރީ-ޔޫސް" ކުރުމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އިން ނިންމައިފިއެވެ.
ދެމެހެއްޓެވި ވިސްނުންތަކާއެކު މި އަހަރު އެސްޓީއޯއިން 'އެސްޓީއޯ ޑިޖިޓަލް ކަލަންޑަރު' ތައާރަފްކޮށްފައެވެ.
2025 ވަނަ އަހަރަށް އެ ކަލަންޑަރު ސޮޕްޓްވެއާ އަޕްޑޭޓާއެކު "ރީ-ޔޫސް" ކުރުމަށް ނިންމާފައިވާކަން ފާހަގަކޮށް އެސްޓީއޯއިން ބުނީ މި ނިންމުމަކީ އެސްޓީއޯ ހިންގުމުގައި ގެންގުޅޭ ދެމެހެއްޓެނިވި ވިސްނުންތަކާއި އުސޫލުތަކާއެކު، އެސްޓީއޯގެ ޕޭޕާލެސް ޕޮލިސީގެ ދަށުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރުދިނުމަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
2025 ވަނަ އަހަރުގެ ސޮފްޓްވެއާ އަޕްޑޭޓާއެކު މި ފަހަރުވެސް އެސްޓީއޯ ޑިގިޓަލް ކަލަންޑަރު ވެގެންދާނީ އިތުރު ފަސޭހަތަކެއް ލިއްބައިދޭ ވަސީލަތަކަށް ކަމުގެ ޔަގީންކަން އެސްޓީއޯއިން ވަނީ ދީފައެވެ. ޑިޖިޓަލް ކަލަންޑަރުގެ މައިގަނޑު އެއް ބޭނުމަކީ އިސްރާފު މަދުކުރުމުގެ އިތުރުން ދެމިއޮންނަ އަގު އުފެއްދުން ކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯއިން ކަރުދާހަށް ކުރާ ހޭދަ ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކުންފުނީގެ ހިންގުމުގައި ކަރުދާސް ބޭނުންކުރާ މިންވަރު ވަރަށް ބޮޑުތަނުން ދަށްކުރެވިފައިވާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. އަދި ޕްރިންޓްކުރެވޭ ކަލަންޑަރުތައް އުފެއްދުމާއި އުފުލުމުގައި ކާބަން ބޭރުވާ މިންވަރު ހީވެސް ނުކުރާހާ މަތި ކަމަށް އެސްޓީއޯއިން ބުނެއެވެ.
މީގެ ކުރިން އަހަރެއްގެ މައްޗަށް އާންމުކޮށް އަށެއްކަހާސް ކަލަންޑަރު ޕްރިންޓު ކުރާކަން ފާހަގަކޮށް އެސްޓީއޯއިން ބުނީ ޑިޖިޓަލް ކަލަންޑަރުގެ ސަބަބުން އަލުން ޕްރިންޓްކުރަން ނުޖެހި، ކުނި އުފެދުމާއި ތިމާވެއްޓަށް ދެވޭ ގެއްލުން ވަރަށް ބޮޑަށް ކުޑަކުރެވިގެންދާ ކަމަށެވެ.
އަޕްޑޭޓް ކުރެވިފައިވާ ޑިޖިޓަލް ކަލަންޑަރުގައި ހިމެނެނީ:
- 2025 ވަނަ އަހަރުގެ ރަސްމީ ބަންދު ދުވަސްތަކާއި އެސްޓީއޯއަށް ހާއްސަ އިވެންޓްތަކުގެ މުހިންމު ތާރީހުތަކާއި ހަރަކާތްތަކުގެ މައުލޫމާތު
- އާ ތީމްތަކާއި ވިޝުއަލްސްގެ އިތުރުން ކަސްޓަމް ރިމައިންޑާސް، އަދި އެސްޓީއޯގެ ބައެއް ބްރޭންޑްތަކުގެ މައުލޫމާތު
އެސްޓީއޯއިން ބުނީ 2025 ވަނަ އަހަރުގެ ސޮފްޓްވެއާ އަޕްޑޭޓްކުރަން ފަސޭހަވާނެ ކަމަށާއި މިކަމުގެ މައުލޫމާތާ އިރުޝާދު އެސްޓީއޯ ވެބްސައިޓާ ސޯޝަލްމީޑިއާ މެދުވެރިކޮށް ދާދި އަވަހަށް ހިއްސާކުރާނެ ކަމަށެވެ. އަދި އާ ސޮފްޓްވެއާގައި އިނޮވޭޝަނާ ޔޫޒާ އެކްސްޕީރިއަންސަށް އަހައްމިއްޔަތުކަން ދެވިފައިވާނެ ކަމަށެވެ.ފަސޭހައިން ސޮފްޓްވެއާ އަޕްޑޭޓް ކުރެވުމުގެ އިތުރުން، ޑިޖިޓަލް ޓޫލްތަކާ ގުޅުވުމާ, ބޭނުންހިފޭ އިތުރު ކަންކަން ހިމެނިގެންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
މިއީ ކޯޕަރޭޓް ޑިޖިޓަލައިޒޭޝަންގައި އެސްޓީއޯގެ ލީޑަޝިޕުން ދައްކުވައިދޭ ލާމަސީލު މިސާލެކެވެ. މިއީ ކޮންމެ އަހަރަކު އާ ކަލަންޑަރެއް އުފެއްދުމަށް ބޮޑެތި ވަސީލަތްތައް ހޭދަކުރުމުގެ ބަދަލުގައި އެއްފަހަރަށްވުރެ ގިނަފަހަރު ބޭނުންކުރެވޭ އޯލްޓަނޭޓިވްތައް އިހްތިޔާރުކުރުމަށް އެސްޓީއޯއިން ވަނީ ގޮވާލާފައެވެ.