އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކާއި ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަނަށް ނިސްބަތްވާ ތިން ތަނަކަށް ވަދެ، ތަހްގީގަށް އިލެކްޓްރޯނިކް ސާމާނު ނަގައިފިއެވެ.

ފުލުހުން ތަހްގީގުކުރަމުން ދަނީ އާރުޑީސީގެ އެކައުންޓުގައި ހުރި ފައިސާ އެ ތަނުގެ އިސް މަގާމެއްގައި ހުރި އަމިއްލަ މުވައްޒަފެއްގެ އެކައުންޓަށް ޖަމާކޮށް، އެކި މީހުންނަށާއި ކުންފުނިތަކަށް ފައިސާ ޖަމާކުރި މައްސަލައެކެވެ. މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ:

  • މޫސާ އަލިމަނިކު ދިރިއުޅުއްވާ ތަނާއި ޔާސިރަށް ނިސްބަތްވާ ދެ ތަނެއް ބަލައި ފާސްކޮށްފަ
  • އެ ތަންތަން ބަލައި ފާސްކޮށް ތަހްގީގަށް އިލެކްޓްރޯނިކް ސާމާނު ގެންގޮސްފަ

މީސްމީޑިއާގައި އާންމުވި ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި، ފުލުުހުން ރޭ މެންދަމު ފާސްކޮށްފައިވަނީ މޫސާ އަލިމަނިކު ދިރިއުޅުއްވާ ގަލޮޅުގައި ހުންނަ ގެއެކެވެ. އެ ގެއަށް ފުލުހުން ވަދެފައިވަނީ ރޭ މެންދަމު 2 ޖަހާކަންހާއިރު ކަން ވީޑިއޯތަކުން ހާމަވެއެވެ.

އާރުޑީސީގެ ކޮރަޕްޝަންގެ މައްސަލައެއް ތަހްގީގުކުރާކަން ފުލުހުން ހާމަކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. އެއީ މޫސާ އަލިމަނިކާއި ޔާސިރު ގުޅިގެން އެ ކުންފުނީގެ އެކައުންޓުން ނެގި ކަމަށް ތުހުމަތު ކުރެވޭ 13.8 މިލިއަން ރުފިޔާގެ މައްސަލައެކެވެ. ބީއެމްއެލްގައި ހުޅުވާފައިވާ އާރުޑީސީގެ މައި އެކައުންޓުން 13.8 މިލިއަން ރުފިޔާ ޖަމާކޮށްފައި ވަނީ އާރުޑީސީގެ ސީއެފްއޯ ޔާސިރުގެ އަމިއްލަ އެކައުންޓަށް ކަމަށް ވެއެވެ.

ނަމަވެސް މޫސާ އަލިމަނިކު ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވައިފައެވެ.