ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ވައްކަން ކުރައްވައި އަމިއަލަ އެކައުންޓަށް ފައިސާ ޖަމާކުރައްވާފައި ނުވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

މޫކޭ މިހެން ވިދާޅުވެފައި ވާއިރު ފުލުހުން ވަނީ އާރްޑީސީގެ ކޮރަޕްޝަންގެ މައްސަލައެއް ބަލަން ފަށާފައެވެ. މައުލޫމާތު ލިބޭ ގޮތުން މި މައްސަލައަކީ މޫކޭ އާއި އޭނާގެ ޅިއަނު، އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަން ގުޅިގެން އެ ކުންފުނީގެ އެކައުންޓުން 13.8 މިލިއަން ރުފިޔާ ނެގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

މި މައްސަލައިގައި އެ ފައިސާ ޖަމާކޮށްފައި ވަނީ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަންގެ އެކައުންޓަށް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން މޫކޭ ވިދާޅުވީ ވައްކަން ކޮށްގެން އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރަން އޭނާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޫން ކަމަށެވެ. އަދި އޭނާ އާ ގުޅޭ ގޮތުން ފަތުރަމުން ދަނީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށް ވެސް ވިދާޅުވެއެވެ.

"އެއް އެކައުންޓުން އަނެއް އެކައުންޓަށް ހިނގާ މުއާމަލާތްތައް ފެންނަން ހުންނާނެތާ ގައިމުވެސް. ކުރުވާހަކަ ލިޔާ އިރުވެސް މިއަށްވުރެ ގަބޫލުކުރެވޭ ކަހަލަ ވާހަކަ ލިޔަން ފަރިތަ ކޮށްލުން ރަނގަޅު"

މިކަމާ ގުޅިގެން ބައެއް މީޑިއާތަކުން ގެނެސްފައިވާ ހަބަރަށް ނުސީދާ ރައްދެއް ދައްވަމުން މޫކޭ ވިދާޅުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ފުލުހުން އާރްޑީސީގެ މައްސަލަ ތަހުގީގު ކުރަމުން އަންނަނީ އެމްބެޒެލްމެންޓު އަދި މަނީލޯންޑަރިންގެ މައްސަލައެއްގެ ގޮތުގައެވެ. އާރުޑީސީ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާއެކު ތަހުގީގު ފަށާފައި ވީ ނަމަވެސް މިކަމާ ގުޅޭ އެއްވެސް އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތާއިދުކުރައްވާ މޫކޭގެ މައްސަލަ ފެންމަތިވުމުން އެ މައްސަލައިގެ ތަހުގީގު ހުއްޓުވުމަށް ސަރުކާރުގެ އިސް ބޭފުޅުން މަސައްކަތް ކުރައްވާ ކަމުގެ އަޑުތައްވެސް ވަނީ ފެތުރުފައެވެ.