ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ނިހާދު އެ މަގާމުން މިއަދު ސަސްޕެންޑުކޮށްފިއެވެ.

ނިހާދު ސަސްޕެންޑުކޮށްފައި މިވަނީ ރޭ ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގައި ރާއްޖޭގައި ހިންގާ ބައިނަލްއަގުވާމީ ޓޫރިޒަމް ބްރޭންޑުތަކުގެ ރިސޯޓުތަކަށް އަމާޒުކޮށް އިދިކޮޅު އެމްޑީޕީން އިސްވެ އޮވެ ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމަށް ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މި ތުހުމަތުތަކާއި ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ނިހާދު އެ ދެއްވި ވާހަކައަކީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް ހުންނަވައިގެން އެއްވެސް ހާލެއްގައި ކޮށްގެންވާނެ ތުހުމަތެއް ނޫން ކަމަށެވެ. ވެރިކަން ކުރާ ޕާޓީން ކުރާ އެފަދަ ތުހުމަތުތަކުގެ ސަބަބުން ފޫނުބެއްދޭ ވަރުގެ ގެއްލުންތަކާ ރާއްޖޭގެ ޓޫރިޒަމަށް އިންޑަސްޓްރީ ކުރިމަތިލާން ޖެހިދާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީން ވަނީ ނިހާދުގެ ވާހަކަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނާއި އިންޑަސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުން އަދި ޓޫރިސްޓުންނަށް ހިދުމަތް ދޭ ހުރިހާ ވިޔަފާރިއެއްގެ ސަލާމާތައި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކަށް ގޮވާލައިފައެވެ.