ފުލުހުން ބަލަމުންދާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ މައްސަލައާ ގުޅިގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ އިބްރާހިމް ފަޒުލް ރަޝީދު ދިރިއުޅުއްވަމުންދާ ގެ ބަލައިފާސްކޮށްފިއެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ މި މައްސަލައިގެ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން ފަޒުލް ދިރިއުޅުއްވަމުންދާ ގެ ބަލައިފާސްކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.

ފުލުހުން ބުނީ ފަޒުލްގެ ބަލައި ފާސްކޮށް ތަހުގީގަށް ބޭނުންވާ ބައެއް ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭގެތެރޭގައި ބައެއް އިލެކްޓްރޯނިކް ސާމާނު ހިމެނޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ނެތް ބަޔަކަށް ގޯތި ދޫކުރި މައްސަލައެއް ފެންމަތިވެފައި ވަނީ މިދިޔަ ބުދަ ދުވަހުގައެވެ. ފުލުހުންނާއި އޭސީސީއިން ދަނީ މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން އެޗްޑީސީގެ ޗެއާމަން އަހްމަދު ނާސިފް ފިޔަވައި އެ ކުންފުނީގެ ބޯޑު މެންބަރުންނާއި ހައުސިން މިނިސްޓްރީގެ ބައެއް އޮފިޝަލުންނާއި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ވަނީ ސަސްޕެންޑުކޮށްފައެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަޒުލް އިސްތިއުފާ ދެއްވާފައި ވަނީ މި މައްސަލައިގެ ތަހުގީގު ކުރިއަށްދަނިކޮށެވެ.