ބޯކޮށް ވާރޭވެހި މާލޭގައި ފެން ބޮޑު ވެއްޖެއެވެ.

ރޭ ދަންވަރުން ފެށިގެން މާލެއަށް ބޯކޮށް ވާރޭ ވެހިފައިވާއިރު މާލޭގެ މަގުތަކުގައި އެއްގަމު ދަތުރުކުރުމުގެ އިތުރުން ހިނގާ ބިނގާވެ އުޅުމަށްވެސް ވަނީ ދަތިވެފައެވެ. އަދި ބައެއް ގޭގެއަށް ފެން ވަންނަމުންދާތީ ވެލި ބަސްތާ ޖަހާފައިވާއިރު އެމްއެންޑީއެފް އިން ދަނީ ޕަންޕު ބަހައްޓައިގެން ފެން ހިންދުމަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން ފަސް ސަރަހައްދެއްގައި 16 ޕަންޕު ބަހައްޓައިގެން މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ. އެ ސަރަހައްދުތަކުގެ ތެރޭގައި ވެސްޓްޕާކު ސަރަހައްދު، އައިޖީއެމްއެޗް ސަރަހައްދު، ވިލިނގިލީ ފެރީ ޓަރމިނަލް ސަރަހައްދު، ދިރާގު ސަރަހައްދު، އަދި ޖެލީ ޕިއްޒާ ސަރަހައްދު ހިމެނެއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ހާމަކޮށްފައިވާ ގޮތުން ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވިއްސާރަ ކުރީ މާލެ އަށެވެ. އެގޮތުން އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް މާލެއަށް 136.5 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް އެ އިދާރާއިން ހާމަ ކުރެއެވެ.

މާލޭގައި ފެންބޮޑުވުމާއެކު މަގުތަކުގައި ދަނީ ސިފައިން ދަނީ ހަރަކާތްތެރިވަމުން

އަދި އެއަށްފަހު ދެން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑްކުރެވިފައިވަނީ ހުޅުލެއަށެވެ. އެގޮތުން ހުޅުލެއަށް 117.4 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ރިކޯޑުތަކުން ދައްކައެވެ.

މީގެ އިތުރުންވެސް މެޓް އޮފީހުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ. އެގޮތުން އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭއިރު އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.

ހަމައެހެންމެ އި މެދުރާއްޖެތެރެ އާއި ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު އުތުރުގައި ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ހަ ފޫޓު ހުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.