ރާއްޖޭގެ ދެވަނަ އަށް އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީގައި އެމްޓީސީސީއިން ދެމުން އަންނަ ދަތުރު ފަތުރުގެ ހިދުމަތަކީ މީގެކުރިން، ވަރަށް ފުރިހަމަ އިންތިޒާމެއްގެ ދަށުން ދެމުން ގެންދިޔަ ހިދުމަތެކެވެ. އައްޑޫ ސިޓީގައި ދަތުރުފަތުގެ ހިދުމަތް ދިނުމަށް ފޭދޫގައި އެއް ލޯންޗު، ހުޅުމީދޫގައި ފެރީ އަކާ އެކު ދެ ލޯންޗު ބޭނުންކުރެއެވެ. މީގެ ތެރެއިން އެއް ލޯންޗަކީ ބެކަޕެއްގެ ގޮތުގައި ބޭނުންކުރަމުން އައި ލޯންޗެކެވެ. ހަފްތާއަކު ކޮންމެ ދުވަހަކުވެސް ފޭދޫ އާއި ހުޅުމީދޫ އާއި ދޭތެރޭ 9 ލޯންޗު ދަތުރު ކުރާއިރު އަބަދުވެސް ލޯންޗު ފުލްވެ، 100 މީހުންގެ ޖަގައިގެ ފޭރީންވެސް ދަތުރުކުރާ މީހުންގެ އަދަދު ގިނައެވެ.

އައްޑޫ ސިޓީ ހުޅުދޫ މީދޫ އިން ކޮންމެ ދުވަހަކުވެސް ޒަރޫރީ ބޭނުންތަކަށް ގިނަ ބަޔަކު ދަތުރު ކުރަމުން އަންނައިރު ސިޓީގެ ގުޅިފައިވާ އަވަށްތަކުން އެ ދެ އަވަށަށް ދަތުރުކުރާ މީހުންގެ އަދަދުވެސް ގިނައެވެ. ހާއްސަކޮށް ޗުއްޓީ ދުވަސްވަރު ދަތުރުކުރާ މީހުންގެ އަދަދު ގިނަވެ ލޯންޗާއި ފެރީގެ ޓިކެޓު ހޯދުމަކީ އުދަގޫ ކަމެކެވެ.

އެހެންނަމަވެސް މި ޗުއްޓީ އާއި ދިމާކޮށް އެމްޓީސީސީން ދަތުރު ފަތުރަށް ބޭނުންކުރަމުން އައި ދެ ލޯންޗު ހަލާކުވެ އެ ސިޓީގެ ރައްޔިތުންނާއި، ޗުއްޓީއަށް އައްޑޫއަށް ޒިޔާރަތްކުރާ ފަރާތްތަކަށް މިވަނީ ބޮޑު ތަކުލީފަކާ ކުރިމަތިވެފައެވެ. އައްޑޫގައި ބެކަޕް ލޯންޗެއްގެ ގޮތުގައި ބޭނުންކުރަމުން އައި ލޯންޗު މީގެ އެއް މަސް ކުރިން ހުވަދުއަށް ގެންގޮސްފައިވާއިރު، އައްޑޫ ސިޓީގައި ބޭނުންކުރަމުން އައި ދެ ލޯންޗުގެ އިންޖީނަށް ދިމާވި މައްސަލައާއި އެކު ކޮންމެ ދުވަހަކު އެތައް ބަޔަކު ބޭނުންކުރަމުން އައި ހިދުމަތައް ބުރުއެރުމަކީ ގިނަ ބައެއްގެ ކަންބޮޑުވުންތަކެއް ހުރި މައްސަލައެކެވެ.

"ރޭ 10:30 ގައި ލޯންޗުން ފުރަން ދިޔައީ. އޭރުވެސް ނުބުނޭ ލޯންޗު މައްސަލަ ޖެހުނު ވާހަކައެއް، ހިތަދޫ ބަނދަރަކީ އެމްޓިސީސީގެ ޓާމިނަލެއް ހުންނަ ތަނެއް ނޫން. އެތަނުގައި ބޯހިޔާކޮށްލާނެ ތަންކޮޅެއްވެސް ނެތް އިރު ރެއަކީ ނުލާހިކު ވިއްސާރަ ރެއެއް. ކުޑަކުދިން ގޮވައިގެން އެތަނުގައި 30 މިނިޓަށްވުރެ ގިނަ އިރު ފަހުން އެގުނީ ލޯންޗު މައްސަލަ ޖެހިގެން ހުޅުމީދޫ ގައި އޮތް ފެރީ ފޭދޫއަށް ގެނެސްގެން ކަން ފުރެން އޮތީ. ދެން ހިތަދޫ ބަނދަރުން އެމްޓީސީސީ ބަހުގަ ފޭދޫ ޓާމިނަލަށް ދިޔައީ. އެތަނުގައިވެސް ހުޅުމީދޫ އިން ފެރީ އަންނަން ދެން އެތައް އިރެއް ވަންދެން މަޑުކުރަންޖެހުނު." ރޭ ފުރަން ގޮސް ހުރި މީހަކު ކަންބޮޑުވުންފާޅުކޮށް ބުނެފައިވެއެވެ.

އެމްޓީސީސީ ދަތުރުތަކަށް ބޭނުންކުރަމުން އައި ދެ ލޯންޗު ހަލާކުވެ މިހާރު ފެރީއިން ދަތުރުކުރަމުން އަންނައިރު، އާދިއްތަ ދުވަހަކީ ކާގޯ ފެރީ ފުވައްމުލައްސިޓީއަށް ދާ ދުވަހަށްވުމާއި އެކު އެކަމުގެ ކަންބޮޑުވުންތައްވެސް ރައްޔިތުން އަންނަނީ ފާޅުކުރަމުންނެވެ. އެ ގޮތުން ފެރީ ކާގޯ ދަތުރު ފުވައްމުލައް ސިޓީއަށް ގޮސްފިނަމަ އައްޑޫ ދަތުރުފަތުރު ހުއްޓިދާނެ ކަމުގެ ބިރު ހީވެފައިވާއިރު، އެ ދުވަހު ކާގޯ ފެރީ ނުބޭއްވި ނަމަވެސް ވިޔަފާރިވެރިންނަށް ގެއްލުންވާނެކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އައްޑޫ އާއި ފުވައްމުލައް ސިޓީގެ ވިޔަފާރިތައް އާދިއްތަ ދުވަހު ކުރާ ކާގޯ ފެރީއަށް މުދާ ގެނައުމުގައި ބަރޯސާވެފައިވާއިރު، މިއީ ރާއްޖޭގެ އެންމެ ބޮޑު ސިޓީގައި ދަތުރުފަތުރު ނިޒާމު އޮންނަންޖެހޭ އުސޫލު ނޫންކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އައްޑޫ ސިޓީ ރައްޔިތުންގެ މިކަންބޮޑުވުންތަކާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް 'ދަ ޕްރެސް' އިންއެމްޓީސީސީއަށް ގުޅި ނަމަވެސް ފޯނަށް ޖަވާބު ނުދޭތީ މިކަމާއި ގުޅޭ އިތުރު މައުލޫމާތު ވަނީ ސާފުނުވެފައެވެ.