ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ހިމެނޭހެން، އެ މިނިސްޓްރީގައި ކުރިން މަސައްކަތްކުރެއްވި ހަތަރު ބޭފުޅެއްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
މިގޮތުން ޕާސްޕޯޓު ހިފަހައްޓާފައި ވަނީ އޭރު 'ބިންވެރިޔާ' ސްކީމާއި 'ގެދޮރުވެރިޔާ' ސްކީމުން ގޯއްޗާއި ފްލެޓު ދޫކުރުމުގައި އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅުންގެއެވެ. އެ ބޭފުޅުންނަކީ:
- ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން
- ކުރީގެ ސީނިއާ އެގްޒެކެޓިވް މުހައްމަދު އާރިފް
- ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ލިރުޣާމް ވަހީދު
- ކުރީގެ ޑިރެކްޓަރު ޖެނެރަލް އަހްމަދު ވިޝާން ނަސީމް
މި ހަތަރު މީހުންގެ ޕާސްޕޯޓު ހިފަހައްޓަން ކޯޓު އަމުރެއް ނެރެފައި ވަނީ ލިސްޓުގައި ނެތް ބަޔަކަށް 'ބިންވެރިޔާ' ސްކީމްގެ ދަށުން ގޯތި ދޫކުރި މައްސަލައާ ގުޅިގެން ކަމަށް، އޭސީސީން ބުންޏެވެ.
ހަމަ މި މައްސަލައިގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދާއި އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ޕާސްޕޯޓު ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓަން ކޯޓުން އަމުރު ނެރެފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި މި މައްސަލައާ ގުޅިގެން:
- އެޗްޑީސީގެ ޗެއާމަން އަހްމަދު ނާސިފް ފިޔަވައި ފަޒުލް ހިމެނޭހެން އެ ކުންފުނީގެ ބޯޑުގެ ހުރިހާ މެންބަރުން ވަނީ ސަސްޕެންޑްކުރެވިފައި
- ފަޒީލް ވެސް ވަނީ ސަސްޕެންޑްކުރެވިފައި
- ހައުސިން މިނިސްޓްރީގެ 10 ބޭފުޅަކު ވެސް ވަނީ ސަސްޕެންޑްކުރެވިފައި
ފުލުހުންނާއި އޭސީސީން ވަނީ މި މައްސަލައިގައި ޖިނާއީ ތަހްގީގެއް ހިންގަން އިއްޔެ ފަށައިފައެވެ. މި މައްސަލައިގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން ފުލުހުން ރޭ ބުނީ ފަޒުލަށް މިހާތަނަށް އެއްވެސް ތުހުމަތެއް ނުކުރެވޭ ކަމަށެވެ.