ބިންވެރިޔާ ސްކީމުން ގޯތި ހައްގު ނޫން ބަޔަކަށް ގޯތި ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ، އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީ މުހައްމަދު ފަޒީލް ރަޝީދު ހިމެނޭ ގޮތަށް 20 މީހުންގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެެ.

މި މައްސަލަ އާއި ގުޅިގެނ އިއްޔެ ވަޒުލްގެ އިތުރުން އެޗްޑީސީގެ ބޯޑު މެމްބަރުންތަކަކާއި ފަޒީލް ވެސް ސަސްޕެންޑު ކޮށްފައިވާއިރު މި މައްސަލާގައި ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ އެ މައްސަލާގައި ފަޒުލް ރަޝީދަށް އަދި އެއްވެސް ތުހުމަތެއް މިހާތަނަށް ނުކުރެވޭ ކަމަށެވެ.

މިކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ތިއްބަވާ ވަޓްސްއެޕް ގުރޫޕުގައި ސަރުކާރުގެ އެއްވެސް ވެރިއަކު، ނުވަތަ އިސް މަގާމެއްގައި ހުންނަވާ ބޭފުޅެއް ވެސް ގަވާއިދާ ހިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ކުރި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފިނަމަ އެބޭފުޅަކާ މެދު ވަގުތުން ފިޔަވަޅު އަޅުއްވާނެކަމަށް ވިދާޅުވެފައެވެ.