މާދަމާ އިން ފެށިގެން އިލެކްޓްރޯނިކް ސިނގިރޭޓް އަދި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖޭގައި ވިއްކުމާއި ހިލޭބެހުމާއި ބޭނުންކުރުން މަނާވާނެއެވެ.
ރާއްޖޭގެ ވަރަށް ގިނަ ބަޔަކު އެއަކަށް ދެވިހިފާފައިވާ ވޭޕް ނުވަތަ އީ-ސިނގިރޭޓު މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާ، އެއްގޮތަށް ގާނޫނު އިސްލާހުކުރުމަށް މަޖިލީހަށް ބިލު ހުށައެޅީ މި އަހަރު އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުއެވެ. ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް 1 ވަނަ އިސްލާޙު ގެނައުމުގެ ބިލު މަޖިލީހުން ފާސްކުރުމާ ގުޅިގެން މިހާރު ރައީސް ވަނީ އެ ބިލު ތަސްދީގުކުރައްވާފަައެވެ.
މި އިސްލާހުގެ އެއް ބަޔަށް މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު، މި ތާރިހުގައި އަމަލުކުރަން ފަށާފައިވަނީ އިލެކްޓްރޯނިކް ސިނގިރޭޓް އަދި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުން މަނާކޮށް، މިކަމާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، އެފަރާތެއް 50،000 ރުފިޔާއިން ޖުރިމަނާކުރުމަށެވެ. އަދި އެފަރާތަކުން އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާރުމަށެވެ.
މާދަމާ އިން ފެށިގެން އަމަލުކުރާ މި އިސްލާހުގެ ބާކީ ބައިގައިވާ ގޮތުން އިލެކްޓްރޯނިކް ސިނގިރޭޓް އަދި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖޭގައި ވިއްކުމާއި ހިލޭބެހުމާއި ބޭނުންކުރުން މަނާވާނެއެވެ. އަދި މިކަމާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، އެފަރާތެއް 20,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި ވިއްކާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާކުރެވޭނެއެވެ. އަދި ވޭޕް ބޭނުންކޮށްފިނަމަ 5،000 ރުފިޔާއިން ޖޫރިމަނާކޮށް، ވޭޕް ހިލޭ ބަހައިފިނަމަ 10،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.
މީގެ އިތުރުން އެފަދަ އާލާތެއް ނުވަތަ އެފަދަ އެއްޗަކާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުމެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ކަމުގައިވާނަމަ، އާންމު އަގުން އެފަރާތެއް ޖޫރިމަނާކުރުމުގެ އިތުރުން، އެފަރާތެއް 50,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.
ދިވެހިރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މަނާކުރުމުން މިގައުމަށް ދިމާވެފައިވާ އިޖުތިމާއި ބޮޑު މައްސަލައަކަށް ހައްލު ލިބިގެންދާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.