ކުރީ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމިޓީން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދޫކުރި ފައިސާގެ އަދަދުތަކާ ގުޅިގެން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ މައްސަލައެއް އޮތްތޯ ބެލުމަށް ތަހްގީގެއް ހިންގައި، ދައުވާކުރެވޭ ވަރަށް ހެކި ލިބިއްޖެ ނަމަ ދައުވާކުރުމަށް ޕްރޮސެކިއުޓަރު ޖެނެރަލަށް ދެންނެވުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

ބަދަލު ދިނުމަށް މިދިޔަ ސަރުކާރުން ދެދި އެއްބަސްވުންތަކާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީ އަށް ހުށަހެޅި މައްސަލަ ދިރާސާކޮށް ނިންމައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީގެ ނިންމުން ފާސްކުރުމަށް ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 55 މެންބަރުން ވޯޓުދެއްވީ ކޮމިޓީގެ ނިންމުން ފާސްކުރުމަށެވެ. ނުފެންނަ ކަމަށް 11 މެންބަރަކު ވޯޓު ދެއްވިއެވެ.

މާލިއްޔަތު ކޮމިޓީން ތުހުމަތުކުރާ ގޮތުގައި:

  • ގާނޫނުގައިވާ ޒިންމާތަކާ ހިލާފަށް ދައުލަތުގެ މުދަލާއި ފައިސާ ހައްގުނޫން ފަރާތްތަކަށް ދީފައިވޭ
  • ރަސްމީ ޒިންމާ އަދާކުރުމުގައި ދައުލަތަށް ލިބެން އޮތް ފައިދާއަށް އުނިކަން ލިބޭގޮތަށް އަމަލުކޮށްފައިވޭ

މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު، ކުރީގެ ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ހިލާފުވާ މައްސަލަތަކާ ގުޅިގެން، ގެއްލުމުގެ ބަދަލު ދިނުމަށް އުފައްދާފައި އޮތް ސެޓްލްމަންޓް ކޮމިޓީ ވަނީ އުވާލާފައެވެ.

ސެޓްލްމަންޓް ކޮމިޓީން ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާގެ މައްސަލަތަކުގެ ތެރެއިން މިދިޔަ އޮކްޓޯބަރު މަހު އޮޑިޓަރު ޖެނެރަލް އޮފީހުން އާންމުކުރި އޮޑިޓް ރިޕޯޓެއްގައި ވެސް ވަނީ އެފަދަ މައްސަލައެއް ފާހަގަކޮށްފައެވެ. އެއީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު، ދީބާޖާ އާ އެކު ސަރުކާރުން ހަދާފައިވާ ސެޓްލްމަންޓް އެއްބަސްވުމާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން އެދިގެން ހެދި އޮޑިޓް ރިޕޯޓެކެވެ.

64 މިލިއަން ރުފިޔާގެ ބަދަލެއް ދޭން އެއްބަސްވުމެއް ހަދާފައި ވަނީ، ފެބްރުއަރީ 1، 2010 ގައި ހެދި ދަތުރުފަތުރުގެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ލިބުނު އެހެނިހެން މަންފާތަކުގެ އަގަށް ރިއާޔަތް ނުކޮށް ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ. ހަމައެއާއެކު ކެޕިޓަލް އިންވެސްޓްމަންޓްގެ ގޮތުގައި ރާއްޖެއިން ބޭރުން ގެނައި ތަކެތީގެ އަގަށް 2.76 މިލިއަން ރުފިޔާ ނަގައިދިނުމަށް ކަނޑައެޅި އިރު، އެ ތަކެއްޗާ މެދު ދީބާޖާއިން ކަންތައް ކޮށްފައިވާ ގޮތާއި، އެ ތަކެތި ވިއްކާލައިގެން އެއްވެސް މާލީ މަންފާއެއް ހޯދާފައިވޭތޯ ވެސް އެ ކޮމިޓީން ބަލާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެއެވެ.