ގާނޫނާ ހިލާފަށް މީހުން މެރުމަށާއި އަނިޔާވެރިވުމަށް ގޮވާލުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
އިހްސާން މިފަދައިން ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީއަށް ހެދިހެން، ގައުމު ހިންގަވަން ހުންނެވި ވެރިޔާ ރައްޔިތުންނަށް އަނިޔާވެރިވީމާ ހަދަން ޖެހިދާނެ ކަމަށް ބުނެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ދެއްކެވި ވާހަކައާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އިހްސާން ވިދާޅުވީ ރާއްޖެއަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނުހަނު ފުޅާކޮށް ކަށަވަރުކޮށްދޭ ގައުމެއް ކަމަށެވެ. އަދި މި ހައްގު ކަށަވަރުކޮށްދީފައިވީ ނަމަވެސް މި ހައްގުގެ ބޭނުންކުރަންވާނީ ޒިންމާދާރުކަމާއިއެކު ކަމަށް ދެކިލައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ވަކިން ހާއްސަކޮށް ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން އަދި ސިޔާސީ ޕާޓީތަކުގެ ވެރިންނަކީ މި ކަންކަމުގައި ނަމޫނާ ދައްކަވަންޖެހޭ ބޭފުޅުން ކަމަށާއި ގާނޫނުތަކާއި ހިލާފަށް މީހުން މެރުމަށާއި އަނިޔާވެރިވުމަށް ގޮވާލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް އިހްސާން ވަނީ ވިދާޅުވެފައެވެ.
ފައްޔާޒްގެ އެ ވާހަކައާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ޓެރަރިޒަމަށް ހިތްވަރުދީ ލޭއޮހޮރުވަން ގޮވާލުމުގެ ފިނޑި އަމަލު ފައްޔާޒް ހިންގާފައިވާ ކަމަށާއި މި މައްސަލަ ބެލުމަކީ މުއައްސަސާތަކަށް ލާޒިމުކަމެއް ކަމަށެވެ. އަދި މި ވަރަށް އިންސާނަކު ރުންކުރުވެ ބުއްދި ފަސްވީމާ ޒިންމާދާރު މަސައްކަތެއް ކުރާނެ ގޮތަކާމެދު ސައީދު ވަނީ ސުވާލުއުފައްދަވާފައެވެ.
ފައްޔާޒްގެ އެ ވާހަކައަށް އަމީންދީދީގެ ކާފަދަރިކަނބަލުން އަދި ރާއްޖެއިން ޔޫކޭއަށް ކުރިން ކަނޑައަޅާފައި ހުންނެވި ސަފީރު ޑރ.ފަރަހަނާޒް ފައިސަލް ވެސް ވަނީ ރައްދު ދެއްވައިފައެވެ. ފަރަހަނާޒް ވިދާޅުވީ އިސްލާމީ ޝަރުއީ ހަމަތަކުން ބޭރުން މީހަކު މަރާލުމަކީ ދުވަހަކުވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މީގެއިތުރުން އެއީ އެމްޑީޕީގެ ރަސްމީ ސްޓޭންޑްތޯ ސުވާލު އުފައްދަވާ ފަރަހަނާޒް ވިދާޅުވީ އެއީ އެމްޑީޕީގެ ރަސްމީ ސްޓޭންޑް ކަމުގައިވާނަމަ މިއީ ދިރިހުރުމުގެ ހައްގު ހިމެނޭ ގޮތަށް މީހުންގެ އަސާސީ ހައްގުތަކަށް ތެދުވި އެމްޑީޕީ ނޫން ކަމަށެވެ.