އިންގްލިޝް ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސީޓީ އާ ކްރިސްޓަލް ޕެލަސް ކުޅުނު މެޗު 2-2 އިން އެއްވަރުވެއްޖެއެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު 6 މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވެ ތާވަލުގެ ހަތަރު ވަނައަށް ވެއްޓިފައި އޮތް ސިޓީގެ ފޯމު ގެއްލިފައިވާ އިރު މިދިޔަ ހަފްތާގެ ބުދަ ދުވަހު 4-0 އިން ނޮޓިންހަމް ފޯރަސްޓް ބަލިކުރި މެޗަށް ފަހު ސިޓީ ނަތީޖާތައް ރަނގަޅު ކުރެވޭނެ ކަމަށް ބެލެވުނެއެވެ.

އެހެން ނަމަވެސް މިރޭގެ މެޗުގައި ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނެގީ ޕެލަސްއިންނެވެ. މިގޮތުން، މެޗުގެ 4 ވަނަ މިނެޓްގައި މި ލަނޑު އެޓީމަށް ޖަހާ ދިނީ ވިންގް ބެކް ޑެނިއަލް މުއިނޯޒްއެވެ.

ލީޑު ފުޅާ ކުރާނެ ފުރުސަތުތައް ޕެލަސް އަށް ލިބުނު ނަމަވެސް މެޗުގެ 30 ވަނަ މިނެޓްގައި ސިޓީގެ އާލިންގް ހާލެންޑް ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ.

ދެ ޓީމު އެއްވަރުވެގެން އޮވެ ފުރަތަމަ ހާފް ނިމުނު އިރު ދެވަނަ ހާފް ފަށައިގެން މާ ގިނަ އިރު ތަކެއް ނުވެ ޕެލަސްއިން ވަނީ އަނެއްކާވެސް ލީޑު ނަގާފައެވެ. އެޓީމަށް ލިބުނު ކޯނަރަކުން މިލަނޑު ޖަހާ ދިނީ މަވެންސް ލަކްރޯއެވެ.

ޕެލަސްގެ ދެވަނަ ލަނޑު ޖަހަނީ/ފޮޓޯ: އެކްސް

އެހެން ނަމަވެސް ސިޓީން އަނެއްކާވެސް މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ. ބަނާޑޯ ސިލްވާ ނަގާ ދިން ހުރަހެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ސިޓީއަށް ނަތީޖާ އެއްވަރުކޮށް ދިނީ ޒުވާން މިޑްފީލްޑަރު ރީކޯ ލުއިސްއެވެ.

މެޗުގައި ދެވަނަ ފަހަރަށް ސިޓީ އެއްވަރުކުރީ ލުއިސް ޖަހާ ދިން ލަނޑާއެކު/ފޮޓޯ: އެކްސް

މެޗުން މޮޅުވުމަށް ދެ ޓީމުން ވެސް ހަމަލާތައް އުފެއްދުމަށް މަސައްކަތް ކުރި އިރު ސިޓީގެ ދެވަނަ ލަނޑު ޖެހި ލުއިސްއަށް ވަނީ ދެ ރީނދޫ ކާޑު ދައްކާ ރަތް ކާޑެއް ދައްކާފައެވެ.

މި ނަތީޖާއާއެކު ސިޓީ ތާވަލުގެ 4 ވަނައަށް އަރާފައިވާ އިރު އެޓީމާ އެއްވަނައިގައި އޮތް ލިވަޕޫލާަ ދެމެޗު 8 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. އަދި މިއަދު ލިވަޕޫލް ކުޅެން އޮތް މެޗު މޫސުން ގޯސްވުމުގެ ސަަބަބުން ފަސްކޮށްފައިވާ އިރު ސިޓީ މިހާރު މިވަނީ ލިވަޕޫލަށް ވުރެ އިތުރަށް އެއް މެޗު ކުޅެފައެވެ.