ދައުލަތުގެ ދަރަންޏާ ބެހޭ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ތަޞްދީޤުކުރައްވައިފިއެވެ.
މި ބިލަކީ، މިދިޔަ ނޮވެމްބަރު 27 ވީ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާ އިން ފާސްކުރި ބިލެކެވެ.
މި ބިލަށް ބަލާއިރު، މި ގާނޫނުގެ މައިގަނޑު އެއް މަގުސަދަކީ، ދައުލަތުގެ އެކިއެކި ބޭނުންތަކަށް ފައިސާ ހޯދުމަށްޓަކައި، ދަރަނީގެ ހިރާސްތަކަށް ރިއާޔަތްކުރެވިގެން އަދި އެންމެ ހަރަދުކުޑަވާނެ ގޮތަކަށް، ދިވެހިރާއްޖޭގެ އެތެރެއިންނާއި ދިވެހިރާއްޖެ އިން ބޭރުން، ދައުލަތުގެ ނަމުގައި ދަރަނި ނެގުމުގައި ސަރުކާރު ބާރުވެރި ކުރުވުމެވެ.
އެގޮތުން ދައުލަތުން ދަރަނި ނަގައި ބަލަހައްޓައި މެނޭޖު ކުރާނީ، ގައުމުގެ އިގްތިސޯދަށާއި މުސްތަގުބަލުގެ ޖީލުތަކަށް ކުރާނެ އަސަރު ވަޒަންކުރެވިގެން ކަމަށާއި، އަދި ގައުމުގެ އިގްތިސޯދީ ފުދުންތެރިކަމާއި، ދައުލަތުގެ ފިސްކަލް ނިޒާމާއި މާލިއްޔަތުގެ ނިޒާމު، ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ގޮތެއްގެ މަތީން ކަމަށް މި ބިލުގައި ބަޔާންކޮށްފައި ވެއެވެ. ހަމައެއާއެކު މި ބިލުގައި ދައުލަތުގެ މެދުރާސްތާގެ ދަރަނީގެ ސްޓްރެޓަޖީ އެކުލަވައިލައި އެ ސްޓްރެޓަޖީ ތަންފީޒު ކުރުމާ ގުޅޭ އުސޫލުތަކާއި، ދައުލަތުން ދަރަނީގެ ގޮތުގައި ނެގޭނެ އިންސްޓްރޫމަންޓްތައް ވަނީ ކަނޑައަޅާފައެވެ.
މި ބިލުގެ ދަށުން ސަރުކާރުގެ ދަރަނި ބެލެހެއްޓުމަށާއި، ފިނޭންސް މިނިސްޓަރު ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ކުރެއްވުމަށާއި، ދައުލަތުގެ ދަރަނި ބަލަހައްޓައި މެނޭޖުކުރުމަށްޓަކައި، މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި، "ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓް" ގެ ނަމުގައި މިނިސްޓްރީ އޮފް ފިނޭންސްގެ ދަށުން ހިނގާނެ އިދާރާއެއް އުފައްދަން ޖެހެއެވެ. އަދި މިނިސްޓްރީގެ ދަށުން މިހާރު ހިނގަމުން އަންނަ މިނިސްޓްރީގެ "ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓް" ގެ އެންމެހައި ޒިންމާތަކާއި ވަސީލަތްތަކާއި، އިލްތިޒާމްތައް އެ އިދާރާއަށް ބަދަލުކުރާގޮތަށް ވަނީ ކަނޑައަޅާފައެވެ.
ދައުލަތުގެ ދަރަންޏާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާ ގުޅިގެން މި ގާނޫނު، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާ ތާރީހުން ފެށިގެން 6 މަސް ދުވަސް ފަހުންނެވެ.