ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ ކަމަށްވާ މޫޑީސް އިން ދިވެހިރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިންގް 'ސިއޭއޭ2' ގައި ދަމަހައްޓައިފިއެވެ.
މޫޑީސް އިން ރާއްޖޭގެ ރޭޓިން "ސީއޭއޭ1" އިން "ސީއޭއޭ2" އަށް ދަށްކޮށްފައި ވަނީ ހުސްވި ސެޕްޓެމްބަރު މަހުއެވެ. ރޭޓިން ދަށް ކުރަމުން މޫޑީސް އިން އޭރު ބުނީ، ރާއްޖެއިން ބޭރު ދަރަނި އަދާކުރަން ޖެހޭ ހާލަތު ކުރިއަށް އޮތްތަނުގައި އިތުރަށް ގޯސްވާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ރިވިއުކުރާ މުދައްތުގައި ބޭރުން ފައިނޭންސިން ހޯދޭތޯ ބަލާނެ ކަމަށާއި ބައިލެޓްރަލް ފައިނޭންސިން ނުވަތަ ރާއްޖޭއާ ގާތް ގައުމުތަކުން ފައިނޭންސް ހޯދައިގެން، ރާއްޖޭގެ ރޭޓިން މަތި ކުރެވިދާނެ ކަމަށް ވެސް އޭރު ބުނެފައި ވެއެވެ.
މިއަދު މޫޑީސް އިން ނެރުނު ބަޔާޏުގައި ރާއްޖޭގެ ރޭޓިން 'ސިއޭއޭ2' ގައި ދަމަހައްޓާފައިވާއިރު ކްރެޑިޓް ރޭޓިންގް ދެމެހެއްޓުމުގައި ބަލާފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި ރާއްޖޭގެ މާލީ ހާލަތު ކުރިއަށްވުރެ ހަރުދަނާކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅުތަކަަށް ވަނީ އަލިއަޅުވާލާފައެވެ.
އެގޮތުން، މަރުކަޒީ ބޭންކް އެމްއެމްއޭއިން އަލަށް ތައާރަފުކުރި ބޭރު ފައިސާއާ ބެހޭ ގަވާއިދުތަކާއި އަދި ސަރުކާރުން ޓެކްސްއަށް ގެނައި އިސްލާހުތަކުން ބޭރު ފައިސާގެ ރިޒާވް އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް މޫޑީސްއިން އާންމުކޮށް ޝާއިއުކުރި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ހަމައެހެންމެ ފާއިތުވި މަސްތަކުގައި، ރާއްޖެއަށް ބޭރު ފައިސާގެ ފައިނޭންސިން ހޯދުމުގައި ކާމިޔާބީތަކެއް ހާސިލުވެފައިވާ ކަމަށްވެސް މޫޑީސްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެގޮތުން، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ދިވެހިރާއްޖެއާއި އިންޑިއާއާއެކު 400 މިލިއަން އެމެރިކާ ޑޮލަރާއި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ގާއިމުކޮށްފައިވުމަކީ ދިވެހިރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ކޮށްފައިވާ މުހިންމު ކަމެއްކަމުގައި މޫޑީސްއިން ފާހަގަކޮށްފައި ވެއެވެ. މީގެ އިތުރުން، ސަރުކާރުން ޓެކްސް ރޭޓުތަކަށް ގެނެސްފައިވާ ބަދަލުތައް ތަންފީޒުވެގެން ދިއުމާއެކު، ބޭރު ފައިސާގެ ރިޒާވް އިތުރުވެގެން ދާނެކަމަށްވެސް އަންދާޒާކޮށްފައިވެއެވެ.
އެހެން ނަމަވެސް، ކުރިއަށް އޮތް 12-18 މަސްދުވަހުގެ ތެރޭގައި ބޭރުގެ ދަރަނި އަދާކުރުމަށް ބޮޑު ހޭދައެއް ކުރަންޖެހޭނެކަމަށް ބެލެވޭއިރު، ބޭރު ފައިސާ ލިބުމަށް ހުރި ދަތިތައް އަދިވެސް ދެމިގެންދާނެކަމަށް މޫޑީސްއިން ބުނެފައި ވެއެވެ.
މޫޑީސްއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިހާރު އެކަށައަޅާފައިވާ ކްރެޑިޓް ރޭޓިންގް ކުރިއަށްއޮތް ދުވަސްތަކުގައި އެ މިންގަނޑުގައި ދެމެހެއްޓުން ނުވަތަ މަތިވުން ބިނާވާނީ ދިވެހިރާއްޖޭގެ ސަރުކާރަށް ބޭރު ފައިސާއިން ފައިނޭންސިން ހޯދޭ މިންވަރަށާއި، 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ސަރުކާރުން ކަނޑައަޅާފައިވާ ފިސްކަލް ރިފޯމްތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމުގެ މައްޗަށް ކަމަށެވެ.
މޫޑީސްއިން ރޭޓު ދަމަހައްޓާފައިވާއިރު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވަނީ ރާއްޖެ ބަނގުރޫޓުވުމުން ގާތްގަނޑަކަށް ސަލާމަތްވެއްޖެ ކަމަށާއި، ރާއްޖެ ބަނގުރޫޓުވާ ވާހަކަ ކްރެޑިޓް އޭޖެންސީތަކުން ދެއްކުން ހުއްޓާލައިފި ކަމަށް ވިދާޅުވެފައެވެ.
ވޯލްޑް ބޭންކުން ބުނާ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ޖުމްލަ ޕަބްލިކް އަދި ޕަބްލިކް ގެރެންޓީ ދަރަނި ހުރީ 8.2 ބިލިއަން ޑޮލަރު ނުވަތަ ޖީޑީޕީގެ %116 އާ އެއްވަރަށެވެ. އޭގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި އަކީ ބޭރުގެ ދަރަނި ކަމަށާއި ބޮޑު ބައެއް ދައްކަންޖެހެނީ ޗައިނާ އާއި އިންޑިއާ އަށް ކަމަށް ވޯލްޑް ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.