ދައުލަތުގެ އާމްދަނީއަށް ލިބުނު ބޮޑު ކުރިއެރުމާއެކު ބަޖެޓުން 118.2 މިލިއަން ރުފިޔާގެ ސާޕްލަސް ދަމަހައްޓައިފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، 14 މެއި 2026 ގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 16.8 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 14.9 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.8 ބިލިއަން ރުފިޔާ ނުވަތަ 12.2 އިންސައްތައިގެ ކުރިއެރުމެކެވެ.

ދައުލަތުގެ އާމްދަނީ އިތުރުވުމުގެ އެންމެ ބޮޑު ހިއްސާއެއް ވަނީ ޓެކްސް އާމްދަނީންނެވެ. ޓެކްސްގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 17.1 އިންސައްތަ އިތުރު އަދަދެކެވެ. މީގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވެނީ ކޯޕަރޭޓް އިންކަމް ޓެކްސްއަށް ލިބުނު ކުރިއެރުމެވެ. ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 31.3 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

ހަރަދުތަކަށް ބަލާއިރު، މި މުއްދަތުގައި ދައުލަތުން ޖުމްލަ 16.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 22.4 އިންސައްތަ އިތުރުވުމެކެވެ. މީގެ ތެރޭގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 14.7 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 2.0 ބިލިއަން ރުފިޔާ ހިމެނެއެވެ.

ހަރަދުތައް އިތުރުވާން ދިމާވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ސަބްސިޑީއަށް ކުރި ހޭދަ 2.3 ބިލިއަން ރުފިޔާއަށް އިތުރުވުން ހިމެނެއެވެ. މިކަން މިގޮތަށް ދިމާވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު އުފުލި، ކަރަންޓު އުފެއްދުމަށް ވިއްކާ ތެލުގެ ސަބްސިޑީއަށް ކުރަންޖެހުނު ހަރަދު ބޮޑުވުމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ ބައިނަލްއަގްވާމީ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތަކުން އާންމުންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި އަސާސީ މުދަލާއި ޚިދުމަތްތަކުގެ އަގު އެއްވަރެއްގައި ހިފަހައްޓާފައެވެ.

މީގެ އިތުރުން، ސަރުކާރުގެ މުސާރަތައް އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން މުސާރައާއި އިނާޔަތްތަކަށް ކުރި ހަރަދު ވަނީ 5.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ދަރަނި އަދާކުރުމާއި އިންޓަރެސްޓަށް ކުރި ހަރަދު 2.1 ބިލިއަން ރުފިޔާގައި ހުރިއިރު، މިއީ އެއްވަރެއްގައި ހިފެހެއްޓިފައިވާ ހަރަދެކެވެ.

ފިނޭނސް މިނިސްޓްރީގެ ރިޕޯޓުން ހާމަވާގޮތުގައި، ބައެއް ދާއިރާތަކުން ހަރަދުތައް އިތުރުވި ނަމަވެސް، ޓެކްސް އާމްދަނީއަށް ލިބުނު ކުރިއެރުމާއި ސަރުކާރުގެ ހަރުދަނާ މާލީ ސިޔާސަތުތަކުގެ ސަބަބުން ދައުލަތުގެ މާލީ ހާލަތު ވަނީ ވަރުގަދަވެ، ބަޖެޓުގެ ސާޕްލަސްއެއް ދެމެހެއްޓިފައެވެ.