ވަކި އަދަދެއްގެ ޑޮލަރު ބޭންކަށް މާރު ކުރަންޖެހޭ ގޮތަށް އެމްއެމްއޭއިން އެކުލަވާލާ ބިލާއެކު ބޭންކިން ނިޒާމުގައި ދައުރުވާ ޑޮލަރު ކުރިން އަންދާޒާކުރި ވަރަށްވުރެ އިތުރުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ޓޫރިޒަމް ނޫން އެހެން ދާއިރާތަކުން ވެސް ވަކި ވަރަކަށްވުރެ ގިނައިން ޑޮލަރު އާމްދަނީ ލިބޭނަމަ، ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލުގައި ހިމަނާފައިވައިވުމުން ބޭންކިން ނިޒާމުގައި ދައުރުވާ ޑޮލަރު ކުރިން އަންދާޒާކުރި ވަރަށްވުރެ އިތުރުވެގެންދާނެ ކަމަށެވެ.

މި މަހުގެ 17 ވަނަ ދުވަހު ރައީސް މުއިއްޒު ވިދާޅުވި ފަދައިން ގަވާއިދު ތަންފީޒުކުރުން ވަރުގަދަ ކުރުމަށްޓަކައި އެމްއެމްއޭ އިން އިސްނަގައިގެން ބޭރު ފައިސާއާ ބެހޭ ގާނޫނެއް ހެދިގެން ދިއުމަކީ މުހިއްމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ގާނޫނުގެ ސަބަބުން ރިސޯޓު ތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރު ކުރެވިގެންދާނެ ކަމަށާއި އެގޮތަށް ހިމަނާފައި އޮތުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ މި ފަހި ބަދަލުތަކުގެ ނަތީޖާއަކަށް ވެގެންދާނީ އާންމު ރައްޔިތުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ތިޔާގިކަން ލިބިގެންދިއުން ކަމަށެވެ. އެގޮތުން ސަރުކާރުން ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ޖުލައި 2025 ފެށިގެން ގާއިމްކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން 2026 ގެ ފުރަތަމަ ކުއާޓާއިން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު ދެގުނަކޮށް އެއަދަދު 1000 ޑޮލަރަށް ހެދޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ކްރެޑިޓް ކާޑު ލިމިޓްތައް ބޮޑުކޮށްދެވޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ޖުލައި 2025 އިން ފެށިގެން ދިވެހި ވިޔަފާރިވެރިންނަށް ތަކެތި އިމްޕޯޓްކުރުމުގެ ގޮތުން ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް ވެސް މި ބަދަލުތަކާއެކު އިތުރުކުރެވިގެންދާނެ ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު ވަނީ ރާއްޖެ އަންނަ ފަތުރުވެރިންގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ގެނައި އިސްލާހަށް ބަދަލު ކުރަނީ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާފައެވެ.

މުނައްވަރު ވިދާޅުވީ ބޭންކިން ނިޒާމުގެތެރެއަށް ޑޮލަރު މާރުކުރަންޖެހޭ ގަވާއިދަށް ބަދަލު ނުގެންނަ ކަމަށާއި ކުރަމުން ދަނީ އެ ގަވާއިދަށާއި އެމްއެމްއޭއަށް ނެތް ގާނޫނީ ބާރުވެރިކަން ހޯދުމުގެ މަސައްކަތް ކަމަށެވެ.