ތަދުކަނޑުވަން ބޭނުން ކުރާ 2 ބޭހަކުން ނުރައްކާތެރި ކެމިކަލް މާއްދާތަކެއް ފެނި އެ ބޭސްތައް ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މަނާކޮށްފިއެވެ.

ކެމިކަލް މާއްދާ ފެނިފައިވާ ބޭސް:

  • ޕާކިސްތާނުގެ އެފްރޯޒް ކެމިކަލް އިންޑަސްޓްރީސް ޕްރައިވެޓް ލިމިޓެޑްއިން އުފައްދާ މެފްނެކް ސަސްޕެންޝަން 50 އެމްޖީ/5އެމްއެލް (މެފެނަމިން އެސިޑް)
  • މެލޭޝިއާގެ ކުންފުންޏަކުން އުފައްދާ އެކްސެލް މެފެނަމިކް އެސިޑް ސަސްޕެންޝަން 125 އެމްޖީ/5އެމްއެލް (މެފެނަމިކް އެސިޑް)

އެމްއެފްޑީއޭއިން ބުނީ މި ބޭސްތަކުގައި ނުރައްކާތެރި ކެމިކަލް އެކުލެވިގެންވާކަން ދެނެގަނެވުނީ ރާއްޖޭގެ މާކެޓުގައި ލިބެން ހުންނަ ބޭހަކި ފެންވަރު ރަނގަޅު ރައްކާތެރި ބޭސްކަން ކަށަވަރު ކުރުމަށްޓަކައި އެ އޮތޯރިޓީއިން މެދުކެނޑުމެއް ނެތި ކުރަމުންދާ ސްކްރީން ކުރުމުގެ މަސައްކަތުގެ ތެރެއިން ކަމަށެވެ.

ނުރައްކާތެރި ކެމިކަލް ފެނިފައިވާ 2 ބޭސް

އެގޮތުން ރާއްޖޭގެ މާކެޓުން ސާމްޕަލް ނަގާ ސްކްރީން ކުރި ތަދުކަނޑުވަން ބޭނުން ކުރާ އެ 2 ބޭސް ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް ކަމަށްވާ ޑައިއީތައިލީން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލްއަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ.

އެމްއެފްޑީއޭއިން ބުނީ މި 2 ބޭހުގެ ޓެސްޓް ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެމެއެފްޑީއޭއިން ވަނީ އެ އޮތޯރިޓީއިން ވަކި ގޮތެއް އަނގަންދެން މި 2 ބޭހުގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުން ކުރުން ވަގުތީ ގޮތުން މަނާކޮށްފައެވެ.

މިވަގުތު ބޭސްފިހާރަތަކާއި ބޭސް ގުދަންތަކުގައި ހުރި މި 2 ބޭސް ސްޓކާއި ވަކިކޮށް ބެހެއްޓުމަށް ވެސް އެމްއެފްޑީއޭއިން ވަނީ އަންގާފައެވެ. އަދި ބޭސް ވިއްކާ، ބޭސް ގަންނަ އެންމެހާ ފަރާތްތަކުން މިކަމަށް ސަމާލުވމަށް ވެސް އެ އޮތޯރިޓީއިން ވަނީ އެދިފައެވެ.