ވިނަރެސް ޓަވަރުތަކުން ކާރު ޕާކު ކުރާނެ ޖާގަ ދޫކުރުމަށް ހައުސިން ޑިވެލޮމްޕެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުވާލައިފިއެވެ.

އެޗްޑީސީއިން ބުނީ ކާރު ޕާކިން ޖާގަ ދޫކުރުމަށް ހަމަޖެހިފައި ވަނީ 2 މޮޑެލްއެއްގެ ދަށުން ކަމަށެވެ.

އެގޮތުން ވިނަރެސް އިމާރާތުގެ ތެރެއިން ކާރު ރަޖިސްޓްރީކުރުމުގެ ހުއްދައާއެކު ޖުމްލަ 76 ޖާގައެއް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީއިން ބުނެއެވެ. އަދި އިމާރާތުގެ ބޭރުން ހަމައެކަނި ޕާކު ކުރުމުގެ ބޭނުމަށް ޖުމްލަ 78 ޕާކިން ޖާގަ ދޫކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފަވެ.

އެޗްޑީސީއިން ބުނީ ޕާކިން ޖާގައަށް އެދި ހުށަހެޅަން ވާނީ ވިނަރެސް މަޝްރޫއިން ފްލެޓް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ މައި-އެޕްލިކެންޓް ކަމުގައެވެ. އަދި ޕާކިން ޖާގައަށް އެދި ހުށަހަޅާ ފަރާތުން އެޗްޑީސީއަށް ޑިސެމްބަރު 5، 2024ގެ ނިޔަލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި، އެ ފައިސާ ނުދައްކައި އޮވެގެން ނުވާނެ ކަމަށެވެ.

މީގެއިތުރުން ފޯމު ހުށަހަޅާ ފަރާތުގެ ނަންމަތީ އެޗްޑީސީއިން ބަލަހައްޓަމުންދާ އެއްވެސް ތަނަކުން ގަނެފައިވާ ނުވަތަ ކުއްޔަށް ނަގާފައިވާ ތަންތަނުގެ ކުލި (ޑިސެމްބަރު މަހުގެ ކުލި ހިމެނޭ ގޮތަށް) ދައްކާ ނިންމާފައިވާންޖެހޭނެ ކަމަށް އެޗްޑީސީއިން ބުނެއެވެ. އަދި ކޮންމެ ފަރާތަކަށް ވެސް ދޫކުރާނީ 1 ޕާކިން ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

އިމާރާތުގެ ތެރެއިން ބީލަމުގެ އުސޫލުން ޕާކިން ޖާގަ ވިއްކުން:

  • ބީލަން ފެށޭ އަގު: 650،000 ރުފިޔާ
  • ޕާކިން ޖާގަ ގަންނަ ފަރާތްތަކަށް މި ޖާގައިގައި ކާރު ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދޫކުރާނެ
  • ބީލަން ކާމިޔާބު ކުރާ ފަރާތްތަކުން ޕާކިން ޖާގައިގެ ޖުމްލަ އަގު ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދޭނެ

އިމާރާތުގެ ބޭރުން ބީލަމުގެ އުސޫލުން ޕާކިން ޖާގަ ކުއްޔަން ދޫކުރުން:

  • ބީލަން ފެށޭ އަގު (މަހު ކުލި): 2،000 ރުފިޔާ
  • ޕާކިން ޖާގަ ކުއްޔަށް ދޫކުރެވޭނީ 5 އަހަރު ދުވަހުގެ މުއްދަތަކަށް
  • ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި މަހު ކުލީގެ ގޮތުގައި ހުށަހަޅާފައިވާ އަދަދަށްވާ 3 މަހުގެ ފައިސާ ދެއްކުމަށް 7 ދުވަހުގެ މުއްދަތެއް ދޭނެ
  • ޕާކިން ދޫކުރާނީ ހަމައެކަނި ޕާކު ކުރުމުގެ ބޭނުމުގަ، ކާރު ރަޖިސްޓްރީ ކުރުމުގެ ހުއްދައެއް ނުދޭނެ

އެޗްޑީސީއިން ބުނީ ޕާކިން ގަތުމަށް ނުވަތަ ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ހަމަޖެހިފައި ވަނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އަދި ކާރު ޕާކިން ޖާގަ ނެގުމަށް ޝައުގުވެރިވާ ފަރާތްތަކުން އިންވެސްޓާ ރަޖިސްޓްރޭޝަން އަދި ޕްރޮޖެކްޓް ރަޖިސްޓްރޭޝަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ.