ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިހާބުވާ ޕާޓީން ވަކިވެއްޖެ ނަމަ، ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް މިއަދު ގެނައި އިސްލާހުގެ ސަބަބުން ރައްޔިތުންނަށް އަދި މަޖިލިސް މެންބަރުންނަށްވެސް އޭގެ ފައިދާ ކުރާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި ގާނޫނު އަސާސީގެ އިސްލާހުތައް މިއަދު ހަވީރު ފާސްކޮށް ރައީސް މިރޭ ވަނީ އެ ބިލް ތަސްދީގުވެސް ކުރައްވާފައެވެ. އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ މި ދަނޑިވަޅުގައި ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ، ތިން ބާރުގެ މައްޗަށް އެކުލެވޭ ސަރުކާރުގެ ތެރެއިންވެސް ރައްޔިތުންނާ އެންމެ ބޮޑު ގުޅުމެއް އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށެވެ.
އަދި މަޖިލިސް އެކުލަވާލާފައިވަނީ ރައްޔިތުންގެ ފުރިހަމަ އަޣްލަބިއްޔަތުން ހޮވާ މެންބަރުންގެ މެދުގައި ކަމަށާއި އެ ބޭފުޅުން ހާމަ ކުރާނީ ރައްޔިތުންގެ ބަސް ކަމަށެވެ. ހަމައެހެންމެ ރައްޔިތުން އޭގެ މައްޗަށް އިލްތިޒާމެއް އުފުލަން ޖެހޭ ކޮންމެ ކަމަކަށް ރައްޔިތުން މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ކަމަށް ގާނޫނޫގައި ވެސް ބަޔާންކޮށްފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"ރައްޔިތުން އިލްތިޒާމް އުފުލަން ޖެހޭނެ ނޫންތޯ ދިވެހި ރާއްޖޭގެ ސަރަހއްދުން ބައެއް ގެއްލިގެން ދާކަމުގައި ވަނީނަމަ. ހަމަ އެގޮތަށް ރާއްޖޭން ބޭރު ގައުމެއްގެ އަސްކަރިއްޔާ ތިބެގެން ހިނގާ ކަންކަމުގައި ރައްޔިތުންނަް އެބައޮތެއް ނޫންތޯ އިލްތިޒާމް އުފުލަން ޖެހިފައި" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަދި މިއަދު ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ރައްޔިތުން އިތުރަށް ބާރުވެރި ކުރުވުމުގެ އިތުރުން މުޅި ދިވެހި ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލް ރައްކާތެރި ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމަ އެފަދައިން ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން މެންބަރުންގެ ނަޒާހަތްތެރިކަން އިތުރުވާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އެގޮތުން މަޖިލީހަށް 99 ޕަސެންޓު މެންބަރުން ހޮވިވަޑައިގަންނަވަނީ ވަކި ފިކުރެއްގެ، ވަކި ޕާޓީއެއްގެ ޓިކެޓުގައި ނަމަވެސް ވަކި ހިސާބަކުން އަމިއްލަ މަސްލަހަތު އިސްކުރައްވައި ޕާޓީ ބަދަލު ކުރައްވާ ކަން ފާހަގަ ކުރައްވާ މަޖިލީހުގެ ރައީސް ވިދާޅުވީ އޭގެ ސަބަބުން ރައްޔިތުންގެ ހައްގުތަކެއް ގެއްލޭ ކަމަށެވެ.
ޕީޕީއެމް ސަރުކާރާއި އެމްޑީޕީ ސަރުކާރުގައި އޮތް މަޖިލީހުން ވެސް ޕާޓީ ބަދަލުކުރުމާ ގުޅޭ ގާނޫނެއް އެކުލަވާލި ކަން ފާހަގަ ކުރައްވާ އިތުރަށް އެމަނިކުފާނު ވިދާޅުވީ މަޖިލީހުން މި ގެނައި ބަދަލަކީ، ގާނޫނުއަސާސީން ބާރުވެރިކަން ދީ، ގާނޫނުއަސާސީއަށް ބަދަލު ގެނައުން ކަމަށާއި އެއީ ކުރީގެ މަޖިލިސްތަކަށް ކުރަން ނުކެރުނު ކަމެއް ކަމަށެވެ.