ބޭރު ފައިސާގެ ގަވައިދަށް ގެނައި އިސްލާހާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ ގުޅިގެން ރިސޯޓް ވިޔަފާވެރިންނަށް ސިޔާސީ ގޮތުން ގޮންޖެހުމުގެ ބަދަލުގައި އެ ވިޔަފާރިވެރިންނާ މަޝްވަރާ ކޮށްގެން ހައްލު ހޯދުމަށް މަހިިބަދޫ ދާއިރާގެ މެންބަރު އަދި އަހުމަދު ތޯރިގު (ޓޮމް) ގޮވާލައްވައިފިއެވެ.
ރައްޔިތުން މަޖިލީހުގައި މިރޭ ބޭއްވި ޖަލްސާގައި ބަހުސް ބަޖެޓުގައި ޕީއެންސީގެ ނައިބު ރައީސް ޓޮމް ވިދާޅުވީ، ޑޮލަރުގެ ދަތިކަން ހައްލު ކުރުމަށްޓަކައި ދައުލަތުން އަޅަމުން އަންނަ ފިޔަވަޅުތަކާ ދޭތެރޭ ވިސްނާލަން ޖެހޭ ކަމަށެވެ. އެގޮތުން ސަރުކާރާއި ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ސިޔާސީ ފަރާތްތަކާއި އެކްޓިވިސްޓުން ރިސޯޓް ދާއިރާގެ ވިޔަފާރިވެރިންނާ މުހާތަބުކުރުމުގައި ސޯޝަލް މިޑިއާގެ ވަސީލަތްތަކުން ހަޖޫޖަހައި ގޮންޖެހުން ހުއްޓާލަން ޖެހޭ ކަމަށް ޓޮމް ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސޯދާއި މާލީ ކަންކަން އޮތީ ރަނގަޅު ހިސާބެއްގައި ނޫން ކަމަށާއި މި ހާލަތުގައި ފުންނާބު އުސް ވިޔަފާރިވެރިންނާ ސިޔާސީ ގޮތުން ދިމާކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ޓޮމް ވިދާޅުވިއެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ މަޝްވަރާ ކޮށްގެން ކަންކަން ހައްލުކުރުން ކަމަށާއި ސަރުކާރާއި ވިޔަފާރިވެރިން މަޝްވަރާ ކޮށްގެން ޑޮލަރު މައްސަލާގައި މެދު މިނުގެ ހައްލަކަށް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ބޭރު ފައިސާގެ ގަވައިދަށް ގެނައި އިސްލާހަށް މިދިޔަ މަހުގެ އެއް ވަނަ ދުވަހު އަމަލު ކުރަން ފަށާފައިވާ އިރު، ޓޫރިޒަމް ދާއިރާ އިން ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތަކުން މާރުކުރަން ލާޒިމް ކުރާ އުސޫލަށް ރިސޯޓް ދާއިރާގެ ބޮޑެތި ވިޔަފާރިތަކުން ވަނީ ދެކޮޅު ހަދައި ޝަކުވާ ހުށަހަޅާފައެވެ. ނަމަވެސް ސަރުކާރަށް 52 ހަފްތާ ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އުސޫލަށް ކަނބޮޑުވުންތައް ހުރި ނަމަވެސް އުސޫލަށް ބަދަލު ނުގެންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ އސުޅާ އެއްގޮތަށް އަމަލު ކުރަން ފެށުމުން ރައްޔިތުންނަށާއި ވިޔަފާރިތަކަށް ފައިދާ ވާނެ ގޮތަށް ރާވާފައިވާ ކަންކަން ރައީސް މުއިއްޒު ވަނީ ހިއްސާ ކުރައްވާފައެވެ.
- 2026 ގެ ފުރަތަމަ ކުއާޓަރު ތެރޭގައި ރާއްޖެއިން ބޭރަށް ދާ ދިވެހިން އެއާޕޯޓުން 1000 ޑޮލަު މާރުކުރެވޭނެ
- 2026 ގެ ފިރަތަމަ ކުއާޓަރު ނިންމާލާއިރު، ކްރެޑިޓް ކާޑުގެ ލިމިޓް 1400 ޑޮލަރަށް އިތުރު ކުރެވޭނެ
- 2025 ގެ މެދުތެރެއަށް ވިޔަފާރުވެރިން މުދާ އިމްޕޯޓް ކުރުމަށް ބޭންކްތަކުން ޓީޓީ ހަދަން ދޫކުރާ ލިމިޓް އިތުރުު ކުރެވޭނެ
- ސަރުކާރު ކުންފުނިތަކަށް ކަޅު ބާޒާރޫން ޑޮލަރު ގަތުމުގެ ބަދަލުގައި ބޭންކްރޭތްގައި ޑޮލަރު ގަނެވޭނެ
ރާއްޖެއިން ބޭރަށް ފުރާ ދިވެހިން އެއާޕޯޓުން 500 ޑޮލަރު މާރު ކުރުމަށް އޮންނަ ލިމިޓް 1000 ޑޮލަަރަށް އިތުރު ކުރައްވާނެ ކަމަށާއި 700 ޑޮލަރުގައި އޮތް ކްރެޑިޓް ކާޑް ލިމިޓް 1400 ޑޮލަަރަށް އިތުރު ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.. ހަމައެއާއެކު ވިޔަފާރުވެރިން އިމްޕޯޓް ކުރާ މުދާތަކަށް ޓީޓީ ދެއްކުމަށް ބޭންކުތަކުން ދޫކުރާ ޑޮލަރު ލިމިޓް އިތުރު ކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
މިކަންކަން ކޮށްދެވޭނީ އަންނަ ޖެނުއަރީ މަހުން ފެށިގެން ރިސޯޓްތަކުން ގަވާއިދުން ބޭންކްތަކަށް ޑޮލަރު މާރުކުރާ ކަމުގައި ވާނަމައެވެ. މިކަމަުގެ ސަބަބުން ރައްޔިތުންނަށް ބޮޑު ފައިދާއެއް ލިބޭނެ ކަމަށާއި ރިސޯޓްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތުން ބޭންކްތަކަށް މާރުކުރަން ޖެހޭ ޑޮލަރާ ގުޅިގެން ހަދާފައިވާ އުސޫލަށް ބަދަލެއް ނުގެންނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ގަވައިދުގައިވާ ގޮތަށް ފަތުރުވެރިއަކަށް 500 ޑޮލަރުގެ މަގުން މާރު ކުރަން ޖެހޭނެ ކަމަށާއި ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަކީ ލާޒިމް ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އޮކްޓޯބަރު އެއްވަން ދުވަހު އަމަލުކުރަން ފެށި މި ގަވައިދާއެކު "މަނީ ޗޭންޖާ ކަމުގެ ލައިސަންސް ލިބިގެން ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުން ކަންތައް ކުރަންވީ ގަވާއިދު (1987)" ވަނީ އުވިފައެވެ.
ބޭރު ފައިސާއާ ބެހޭ ގަވައިދާ ގެނައި އިސްލާހުގެ ތެރޭގައި ހިމެނެނީ ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ފެސިލިޓީތަކަކުން ވެސް ކަނޑައަޅާފައިވާ ވަކި އަދަދެއް ބޭންކުތައް މެދުވެރިކޮށް މާރުކުރަން ޖެހޭ ގޮތަށެވެ. މި ގަވައިދުގެ ދަށުން ބޭރު ފައިސާއިން ލިބޭ އާމްދަނީ ރާއްޖޭގައި ހިފެހެއްޓުން ހަރުދަނާކޮށް ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުކުރުމުގެ ގޮތުން ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.
އެގޮތުން ކެޓަގަރީ އޭ ގެ ގޮތުގައި ހިމެނޭ ރިސޯޓުތަކާއި، އިންޓަގްރޭޓަޑް ރިސޯޓުތަކާއި، ރިސޯޓު ހޮޓާތަކާއި، ހޮޓާތަކާއި، ފަތުރުވެރިކަމުގެ އުޅަނދުފަހަރާއި އެނޫންވެސް އެފަދަ ތަންތަނުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަން ޖެހެއެވެ.
ކެޓަގަރީ ބީގެ ގޮތުގައި ހިމެނޭ ގެސްޓްހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ތަންތަނުން ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ފަތުރުވެރިންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަން ޖެހެއެވެ.
ޓޮމްއަށް ކޮންމެވެސް ރިސޯޓް އޯނަރަކު ކަރުދާސްކޮޅެއްދިނީ ކަމައްވައްތަރީ. ރަތްޔިތުންނަށް ފައިދާވާކަންތަކާ ދެކޮޅުހަދަނީ އެހެންވެގެން ކަމައްބެލެވިދާނެ