ހުޅުމާލޭގައި މުދަށް އެރި އުޅުނު ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލެއް ފުލުހުން ބަލަން ފަށައިފިއެވެ.

މި މައްސަލަ ރިޕޯޓްކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ހުޅުމާލޭގައި މޫދަށް އެރި އުޅުނު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ވަނީ ހުޅުމާލެ މޫދަށް އެރި އުޅުނު ކުދިންގެ ކައިރީ އެކަހެރި ހިސާބުތަކަށް ދާން ބުނެފައެވެ. އަދި އެ ކުދިންގެ ނުރުހުމުގައި ކުދިން ގައިގައި އަތްލާން މަސައްކަތް ކޮށްފައެވެ.

ސަދަން ޕޮލިސް (ގއ.ގދ.ޏ.ސ) ގައި ހިމެނޭ ރަށެއްގައި އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު 11 އަހަރުގެ އަންހެން ކުއްޖަކަށް އަދި 7 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ނޮވެމްބަރު 4 ވަނަ ދުވަހުގެ ރޭ ވެސް ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.

މި މައްސަލަ ވެސް ފުލުހުން ތަހުގީގު ކުރަމުން ދާއިރު، މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 56 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.