ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޅ. ކުރެންދޫގެ 70 ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ބުނީ ކުރެންދޫއަށް ބޯކޮށް ވާރެ ވެހި ރަށުތެރޭގައި އެއްކޮށް ފެންބޮޑުވެފައިވާކަމަށާއި، ޕަންޕު ބޭނުންކޮށްގެންނާއި ކޯރު ކަނޑައިގެން ފެން ހިންދުމުގެ މަސައްކަތް ނޮދާން އޭރިޔާ ކޮމާންޑުގެ ސިފައިން ކުރަމުން ދާކަމަށެވެ.
ފެންބޮޑުވެ ގެއްލުން ލިބުނު ގެތަކުގެ ތެރެއިން ދިރިނޫޅެވޭ ފަދަ ހާލަތަކަށް ގޮސްފައިވާ ގެތަށް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރެންދޫ ކައުންސިލާއި ގުޅިގެން ކުރަމުން ދާކަމަށްވެސް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.
މި ހާދިސާގައި ގެއްލުންވެފައިވާ 70 ވަރަކަށް ގެއަށް ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.
ކުރެންދޫގެ އިތުރުން މިއަދު ހެނދުނު ދ. ބަނޑިދޫއަށް އައި ކޮޅިގަނޑެއްގައިވެސް އެރަށުގެ ގެއެއްގެ ބަދިގޭގެ ފުރާޅުގަނޑު ވަނީ އެއްލާލާފައެވެ. މި ހާދިސާއާއި ގުޅިގެން އެގޭގައި ދިރިއުޅޭ 7 މީހުންނަށް ބޭނުންވާ އެހީތެރިކަން ކައުންސިލް މެދުވެރިކޮށް ފޯރުކޮށްދީފައިވާކަމަށްވެސް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.
މީގެއިތުރުން ސ. ފޭދޫއަށްވެސް މިއަދު ކުރި ވިއްސާރައިގައި 1 ގެއެއްގެ ފުރާޅަށް ގެއްލުންވި ކަމަށާއި ސީލިންގަށް ފެން އެޅި ސީލިންގު ވެއްޓިފައިވާ ކަމަށްވެސް އެންޑީއެމްއޭ އިން ވަނީ މައުލޫމާތު ދީފައެވެ. އަދި ރަށުގެ އެކި ސަރަހައްދުތަކުން ގަސްތައް ވެއްޓިގެން ރިޕޯޓުކޮށްފައިވާ ކަމަށްވެސް އެންޑީއެންއޭ އިން ވަނީ ބުނެފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ މައުލޫމާތު ހާމަކުރަމުން މެޓު އޮފީހުން ބުނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހުނީ އައްޑޫ ސިޓީ ހިތަދޫއަށް ކަމަށާއި، އެގޮތުން ހިތަދޫއަށް 110 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ.
މެޓް އޮފީހުން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރާއި ދިމާކޮށް ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ލޯ ލެވެލް ސާކިއުލޭޝަންއަކާއި ގުޅިގެން ކުރަމުންދާ ވިއްސާރަ ކަމަށެވެ. އަދި ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހިފައިވާ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
މި ވިއްސާރަ ކުރިއަށް އޮތް 3 ދުވަހު ވެސް ރާއްޖެ ސަރަހައްދަށްކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.