ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ބާއްވާ އުރީދޫ ފަންރަންގައި ރަޖިސްޓާ ވުމުގެ ސުންގަޑި މިރޭ 11:59 ގައި ހަމަވާނެ ކަމަށް އުރީދޫ އިން ބުނެފިއެވެ.

އުރީދޫ އިން ވަނީ މިރޭ 11:59 ގެ ކުރިން މި ރަންގައި ރަޖިސްޓާ ވުމަށް އެދިފައެވެ. އެގޮތުން http://ore.do/funrun2024 މެދުވެރިކޮށް ފަން ރަންގައި ރަޖިސްޓާ ވެވޭނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

އުރީދޫއިން ބުނީ ފަން ރަންގެ ކިޓްތައް ލިބެން ހުންނާނީ ދެ ކެޓަގަރީއަކުން ކަމަށާއި އެއީ ސްޓޭންޑަޑް ކިޓް އާއި ފަން ކިޓް ކެޓަގަރީ ކަމަށެވެ. އެގޮތުން، ސްޓޭންޑަޑް ކިޓްގައި ހިމެނެނީ ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑެއް ކަމަށާއި މި ކިޓްގެ އަގަކީ 100 ރުފިޔާ ކަމަށް އުރީދޫން ބުނެފައި ވެއެވެ.

މީގެއިތުރުން 210 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަސް، އައިނު އަދި ބަންޑާނާ ހިމެނެއެވެ.

އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުން ވެސް ދުވުން ނިންމިދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތް ކަމަށް އުރީދޫއިން ބުނެއެވެ. އަދި މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގައި 5،000 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވާކަން އުރީދޫއިން ވަނީ ފާހަގަކޮށްފައެވެ.