އަންނަ އަހަރު ބްލޮކް ގްރާންޓުގެގޮތުގައި ކައުންސިލްތަކަށް 2.1 ބިލިޔަން ރުފިޔާ ދޫކުރުމަށް ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ތަފްސީލްތަކާއެކު ފިނޭނސް މިނިސްޓްރީން އާންމުކޮށްފައިވާ ރިޕޯޓުގައި ބުނެފައި ވަނީ ކައުންސިލް ބްލޮކް ގްރާންޓްގެގޮތުގައި އެންމެ މަދުވެގެން ދޫކުރުމަށް ކަނޑައަޅާފައިވާ އާމްދަނީގެ ޕަސެންޓް ހިސާބުކޮށްފައިވާ ގޮތް ބަދަލުކުރުމަށް ރާވައި ބަޖެޓު ހުށަހަޅާފައިވީ ނަމަވެސް، މިވަގުތު ބްލޮކް ގްރާންޓް ހިސާބުކުރާ ގޮތް ބަދަލު ނުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ނިންމުމާ ގުޅިގެން ގެންނަން ޖެހޭ ބަދަލުތައް ރައްޔިތުންގެ މަޖިލީހަށް މިހާރު ހިއްސާކޮށްފައިވާ ކަމަށެެވެ.

އަންނަ އަހަރު ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓުގެ މިންވަރުގެ ގޮތުގައި ކުރިން ހިމަނާފައި އޮތީ 1.4 ބިލިޔަން ރުފިޔާއެވެ. ނަމަވެސް މިހާރު ހުށަހަޅާފައި ވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި (އާމްދަނީ އިތުރުކުރަން ހުށަހަޅާ ކަންކަމުން ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި ސަރުކާރުން ވަކި ކަންކަމަށް ކަނޑައަޅާފައިވާ އާމްދަނީ ނުހިމަނައި) އެ އަހަރެއްގެ އާމްދަނީގެ ގޮތުގައި އަންދާޒާކުރާ މިންވަރުގެ މަދުވެގެން 5 ޕަސެންޓް އަދި ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ނުހިމެނޭ ބިމާއި، ފަޅާއި، ފަރުފަދަ ސަރަހައްދުތަކުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 ޕަސެންޓާ އެއްވަރުގެ އަދަދެއް ކަމުގައިވާ 2.1 ބިލިޔަން ރުފިޔާ ބްލޮކް ގްރާންޓުގެ ގޮތުގައި ބަޖެޓުގައި ހިމެނުމަށެވެ.

ބްލޮކް ގްރާންޓު ދޭ ގޮތް ބަދަލުކުރަން ފުރަތަމަ ހުށަހަޅާފައި ވަނީ އާމްދަނީ އިތުރުވަމުންދާ އިރު، ކައުންސިލްތަކުގެ ބްލޮކް ގްރާންޓު ވެސް މިއާ އެއް މިންވަރެއްގައި އިތުރު ކުރުމަށެވެ. އަދި ކައުންސިލްތަކުން އަމިއްލައަށް ހޯދާ އާމްދަނީ ވެސް އިތުރުވަމުންދާ އިރު، ކައުންސިލްތަކުގެ އާންމު ހަރުދުތައް އެއާ އެއް ހަމައަކުން އިތުރުވަމުން ނުދާކަން ފާހަގަވެފައިވާތީ ކަމަށް ފިނޭނސް މިނިސްޓްރީން ބުނެއެވެ. އަދި ކައުންސިލްތަކުގެ އެކައުންޓުތަކުގައި ބޭނުންނުކޮށް ހުރި ފައިސާގެ ޖުމްލަ އެވަރެޖްކޮށް ބަލާއިރު އިތުރުވަމުން އަންނަ އިރު، މުޅި ދައުލަތުގެ ހަރަދުތައް ކުޑަކުރަންޖެހިފައިވާ ދަނޑިވަޅެއްގައި މި ބަދަލު ގެނައި ނަމަވެސް ފިސްކަލް ހާލަތު ރަނގަޅުވަމުން އަންނަވަރަކަށް މި އަދަދު ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ މަދު މިންވަރަށް ވުރެ އިތުރުކުރުމުގެ ފުރުސަތު ލިބޭނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

އަންނަ އަހަރު 2.1 ބިލިޔަން ރުފިޔާ ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެގޮތުގައި ދޫކުރުމަށް ރާވާފައިވާއި އިރު، މިއީ 2023 ވަނަ އަހަރު ދޫކޮށްދައިވާ މިންވަރަށްވުރެ 14.3 ޕަސެންޓް އިތުރު ވުމެކެވެ.