ސަރުކާރުން ހުށަހެޅި ގޮތަށް އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފިއެވެ
މިއަދުގެ ޖަލްސާގައި ބަޖެޓު ފާސްކުރަން ފެނޭތޯ ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 81 މެންބަރުންގެ ތެރެއިން 70 މެންބަރުން ވޯޓުދެއްވީ ބަޖެޓު ފާސްކުރުމަށެވެ. ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވިއެވެ.
ބަޖެޓު ބަހުސްގެ ތެރެއިން ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓަކީ ސަރުކާރުގެ މަގްސަދުތައް ހާސިލްވާނެ، ހުރިހާ ރަށެއްގައި ވެސް މަޝްރޫއުތައް ހިންގޭނެ ފަދަ ފުރިހަމަ ބަޖެޓެއް ކަމަށެވެ. އަދި މިއީ މާލީ މައްސަލަތަކުން އަރައިގަނެވޭނެ ފަދަ ބަޖެޓެއް ކަމަށް އެ މެންބަރުން ސިފަކުރެއްވިއެވެ.
އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ ކަންބޮޑުވުމަކީ ބަޖެޓުގައި ވަކިވަކި މަޝްރޫއުތަކުގެ ތަފްސީލެއް ނެތުމެވެ. އަދި ސަބްސިޑީތަކަށް ކަނޑައެޅި އަދަދު މަދުވުމުން އެކަމަށް ވެސް އިދިކޮޅު މެންބަރުން ފާޑުވިދާޅުވެފައިވެއެވެ.
ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މަރުހަލާގައި ބަޖެޓު ފާސްކުރަން ފެންނަ ކަމަށް ކޮމިޓީން ނިންމީ ބަޖެޓާ ގުޅުންހުރި ބައެއް ލަފަޔާ އެކުގައެވެ. އެއީ:
- ޕީއެސްއައިޕީ މަޝްރޫއުތައް އަގުކޮށް މިންގަނޑުތަކަކަށް ރިއާޔަތްކުރުމަށް
- އޭގެ ފަހުން އަމަލީ މަސައްކަތް ފެށުމަށް ނިންމާފައިވާ މަޝްރޫއުތަކާއި އެ މަޝްރޫއުތަކަށް ރަށްތަކަށް ބެހިފައިވާ ގޮތް އެނގޭނެ ލިސްޓެއް އަންނަ ފެބްރުއަރީ ނިމުމުގެ ކުރިން މަޖިލީހަށް ހުށަހެޅުމަށް
- ސަރުކާރުން މިހާތަނަށް ސޮއިކުރި މަޝްރޫއުތަކުގެ ތެރެއިން ކުރިއަށް ދާނެ މަޝްރޫއުތަކާއި ކުރިއަށް ނުދާނެ މަޝްރޫއުތައް އެނގޭނެހެން އަންނަ މާޗް ނިމުމުގެ ކުރިން ހުށަހެޅުމަށް
- މަޝްރޫއުތަކުގެ ޕްރޮގްރެސް ރިޕޯޓެއް އަންނަ އަހަރުގެ ކޮންމެ ކުއާޓާއެއްގައި ހުށަހެޅުމަށް
ނަމަވެސް މިއަދު މަޖިލީހުން ފާސްކުރީ އެ ލަފާތައް އުނިކުރުމަށް ފަހު ބަޖެޓު ފާސްކުރުމަށެވެ.
ބަޖެޓުގެ ބައެއް އަދަދުތައް
- ޖުމްލަ: 56.6 ބިލިއަން ރުފިޔާ
- އާމްދަނީ: 32.68 ބިލިއަން ރުފިޔާ
- ހިލޭ އެހީ: 1.46 ބިލިއަން ރުފިޔާ
- ރިކަރަންޓް ހަރަދު: 35.8 ބިލިއަން ރުފިޔާ
- ކެޕިޓަލް ހަރަދު: 13.4 ބިލިއަން ރުފިޔާ
- ޕީއެސްއައިޕީ: 12.4 ބިލިއަން ރުފިޔާ