އަންނަ އަހަރު ހުރިހާ ރަށެއްގައި މަޝްރޫއުތައް ހިންގަން ސަރުކާރުން ރާވާފައިވާ ކަމަށް ވިދާޅުވެ، އެއްވެސް ރަށެއް އުނިނުކޮށް ސަރުކާރުން މަޝްރޫއުތައް ހިންގާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދެއްވައިފިއެވެ.
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށްް ހުށަހެޅި ބަޖެޓަށް ބަހުސްކުރެއްވި އިދިކޮޅު މެންބަރުންގެ ކަންބޮޑުވުމަކީ މަޝްރޫއުތައް ހިންގާނެ ރަށްރަށުގެ ތަފްސީލުތައް ބަޖެޓުގައި ހިމަނާފައި ނެތުމެވެ. މީގެ އިތުރުން ބައެއް މެންބަރުން ވަނީ އެ މެންބަރުންގެ ދާއިރާތަކުގެ ރަށްރަށުގައި ފަށާފައިވާ މަޝްރޫއުތައް ހުއްޓިފައިވާތީ ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހާޒިރުވެވަޑައިގެން ޒަމީރު ވިދާޅުވީ، މަޝްރޫއުތަކުގެ ލިސްޓެއް ބަޖެޓުގައި ޖަހައި އެ މަޝްރޫއުތަކަށް ކުދި އަދަދުތައް ހިމަނައިގެން މަޝްރޫއުތައް ފަށައިފިނަމަ، އެތައް ބައިވަރު މަޝްރޫއެއް ކުރިއަށް ނުގޮސް ހުންނާނެ ކަމަށެވެ. އެހެންވެ ބަޖެޓުގައި ފައިސާ ނެތި، އަދި މަޝްރޫއުތަކުގެ މަސައްކަތްކުރާ ކުންފުނިތަކަށް އެކަން ނުވެ ދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މިހާރު ވެސް ވޭތުވެދިޔަ އަހަރުތަކުގައި އެމްޓީސީސީ އާ ގިނަ މަޝްރޫއުތަކެއް ހަވާލުކުރިކަން ފާހަގަކުރައްވައި ޒަމީރު ވިދާޅުވީ، އެ ކުންފުނީގެ ޕައިޕްލައިންގައި 18 ބިލިއަން ރުފިޔާ އަދިވެސް އެބައޮތް ކަމަށާއި، އެ ފައިނޭންސްކުރެވޭނެ އެއްވެސް ގޮތެއް ވެސް އަދި ނެތް ކަމަށެވެ.
އެހެންވެ އެ ހުރިހާ ކަމަކަށް ސަރުކާރުން ބެލުމަށް ފަހު ވިސްނާފައި ވަނީ މަޝްރޫއުތަކުގެ ޕްރެޕެރޭޓަރީ ފަންޑު އެކުލަވާލައި ޕްރައޯރިޓީ ލިސްޓެއްގެ ތެރެއިން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކަމަށް، އޭނާ ވިދާޅުވިއެވެ.
"ދެން އަޅުގަނޑު ދޭން އޮތް ޔަގީންކަމަކީ މިހާރު އަޅުގަނޑުމެން ގެންގުޅޭ ލިސްޓުގަ ވެސް އެއްވެސް ރަށެއް އުނިވެފަކައެއް ނޯންނާނެ، ހަމަ މި އަހަރުތެރޭގަ ވެސް ހަމަ ޕްރޮޖެކްޓް ފަށަން ރާއްޖޭގެ ހުރިހާ ރަށަކަށް އިންކްލޫޑިން ސިޓީތަކާއި އަދި މާލެ އާ ވެސް އެކުގައި އޮތީ ހަމަ އަޅުގަނޑުމެންގެ ޕްރޮގްރާމްގައި ރޭވިފައި،" ޒަމީރު ވިދާޅުވިއެވެ.