ސަރުކާރުން ހުށަހެޅި ގޮތަށް އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރަން ފެންނަ ކަމަށް ބަޖެޓު ދިރާސާކުރާ ކޮމިޓީން ނިންމައިފިއެވެ.

ބަޖެޓު ދިރާސާކުރި ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަނީ، ބަޖެޓާ ގުޅޭ ގޮތުން ބައެއް ލަފާ ހުށަހަޅުއްވައިފައެވެ. އެއީ:

- ޕީއެސްއައިޕީ މަޝްރޫއުތައް އަގުކޮށް މިންގަނޑުތަކަކަށް ރިއާޔަތްކުރުމަށް

- އޭގެ ފަހުން އަމަލީ މަސައްކަތް ފެށުމަށް ނިންމާފައިވާ މަޝްރޫއުތަކާއި އެ މަޝްރޫއުތަކަށް ރަށްތަކަށް ބެހިފައިވާ ގޮތް އެނގޭނެ ލިސްޓެއް އަންނަ ފެބްރުއަރީ ނިމުމުގެ ކުރިން މަޖިލީހަށް ހުށަހެޅުމަށް

- ސަރުކާރުން މިހާތަނަށް ސޮއިކުރި މަޝްރޫއުތަކުގެ ތެރެއިން ކުރިއަށް ދާނެ މަޝްރޫއުތަކާއި ކުރިއަށް ނުދާނެ މަޝްރޫއުތައް އެނގޭނެހެން އަންނަ މާޗް ނިމުމުގެ ކުރިން ހުށަހެޅުމަށް

- މަޝްރޫއުތަކުގެ ޕްރޮގްރެސް ރިޕޯޓެއް އަންނަ އަހަރުގެ ކޮންމެ ކުއާޓާއެއްގައި ހުށަހެޅުމަށް

- އެސްއޯއީތައް ރިފޯމްކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލައި އޭގެ ދަށުން އަޅާނެ ފިޔަވަޅުތައް އެނގޭނެ ގޮތަށް ކޮންމެ ކުއާޓާއެއްގައި މަޖިލީހަށް ހުށަހެޅުމަށް

- ސަބްސިޑީ ޓާގެޓްކުރުމަށްޓަކައި ހުރި ދަތިތައް ދެނެގަނެ، ތަންފީޒުކުރާނެ ގޮތުގެ ތާވަލެއް އެކުލަވާލައި މަޖިލީހަށް ފޮނުވުމަށް

މި ހުށަހެޅުންތަކާ އެކު، ކޮމިޓީން ނިންމީ ސަރުކާރުން ހުށަހެޅި ގޮތަށް ބަޖެޓު ފާސްކުރަން ފެންނަ ކަމަށެވެ.

އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި ސަރުކާރުން ލަފާކުރާ ގޮތުގައި އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 39.8 ބިލިއަން ރުފިޔާ ލިބޭނެއެވެ. އެއީ އާމްދަނީގެ ގޮތުގައި ލިބޭ 37.2 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭ 2.6 ބިލިއަން ރުފިޔާއެވެ.

މީގެ އިތުރުން އަންނަ އަހަރު 49.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް ސަރުކާރުން ލަފާކުރެއެވެ. އެއީ ޕީއެސްއައިޕީ އަށް 12.4 ބިލިއަން ރުފިޔާ، ކެޕިޓަލް ހަރަދުގެ ގޮތުގައި 13.4 ބިލިއަން ރުފިޔާ، އަދި ރިކަރަންޓް ހަރަދުގެ ގޮތުގައި 35.8 ބިލިއަން ރުފިޔާއެވެ.

މިއީ ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭ ސަރުކާރުން ނިސްބަތުން އެންމެ ކުޑަ ޑެފިސިޓެއް ހުށަހެޅި އަހަރުވެސް މެއެވެ. އެގޮތުން މި އަހަރުގެ ބަޖެޓް ޑެފިސިޓް 9.4 ބިލިއަން ރުފިޔާގައި ހުރިއިރު، ފާއިތުވެދިޔަ އަހަރުގެ ބަޖެޓް ޑެފިސިޓަކީ 13.4 ބިލިއަން ރުފިޔާއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ބަޖެޓް ޑެފިސިޓް ކުޑަކުރެވިގެން ދާނެ ކަމުގައި ވެސް ސަރުކާރުން ލަފާކުރެއެވެ.