އަންނަ އަހަރަށް ލަފާކޮށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބަޖެޓުގެ ތަފްސީލު ހިމެނޭ ފޮތް ވާނުވާ އެނގޭނެހެން އިސްލާހުކޮށް އަލުން ހުށަހެޅުމަށް، މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓަށް ބަހުސްކުރައްވަމުން ސިޔާމް ވިދާޅުވީ، ބަޖެޓެއް ހުށަހަޅާއިރު ބަޖެޓުގެ ތަފްސީލު އެނގުން މުހިންމު ކަމަށާއި، ރަށްރަށަށް ގެންނަން ޖެހޭ ތަރައްގީ ގެނައުމާއި އެކަމަށްޓަކައި ކުރަން ޖެހޭ ހޭދައިގެ ތަފްސީލު ރައްޔިތުންނަށް ކޮންމެހެން އެނގެން ޖެހޭ ކަމަށެވެ. އެކަމަކު އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި އެފަދަ އެއްވެސް މައުލޫމާތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުން މިއަދު ބޭނުންވޭ ކުރާ ކަންތައްތައް އެނގެން، މާދަމާ ވާނީ ކިހިނެއްކަން ވެސް އެނގެން އެބަ ބޭނުންވޭ،"

މި ބަޖެޓަކީ ވިޔަފާރީގެ ވިސްނުމާ ދުރު، ޑިމޮކްރެސީ އާއި ޓްރާންސްޕޭރަންސީ އާ ދުރު ވިސްނުމެއްގައި ހުށަހަޅާފައިވާ ބަޖެޓެއްގެ ގޮތުގައި ސިޔާމް ސިފަކުރެއްވިއެވެ.

ހަމަ އެއާއެކު، އާމްދަނީގެ ގޮތުގައި ލިބޭ ފައިސާއިން ވިސްނުންތެރިކަމާ އެކު ހަރަދުކުރުމަށާއި އިސްރާފުނުކުރުމަށް ސިޔާމް ވިދާޅުވި ވިދާޅުވުން ތަކުރާރުކުރެއްވިއެވެ.

ބަޖެޓުގައި ފޮރިން މިނިސްޓްރީ އަށް ކަނޑައަޅާފައިވާ ބަޖެޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސިޔާމް ވަނީ، ސިންގަޕޫރާއި ދުބާއީ އާއި ތައިލޭންޑު ފަދަ ތަންތަނުގައި އެމްބަސީތައް ހުޅުވައިގެން ދިވެހިންނަށް ލިބޭ މާ ބޮޑު ފައިދާ އެއް ނެތް ކަމަށް ވިދާޅުވެ، އެ ތަންތަން ހުޅުވުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު އުފައްދަވައިފައެވެ. އެހެންކަމުން އެމްބަސީތަކުން ފައިދާ ނުލިބޭނަމަ، އެމްބަސީތަކަށް ކުރާ ހަރަދު 50 ޕަސެންޓު މަދުކުރަން އޭނާ ގޮވާލެއްވިއެވެ.

އެއާއެކު، ސިޔާމް ސަރުކާރަށް ގޮވައިލެއްވީ ބަޖެޓުގެ ތަފްސީލު ހިމެނޭ ފޮތް އިސްލާހުކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް އަލުން ހުށަހެޅުމަށެވެ. އަދި ބަޖެޓާ މެދު މާ ބޮޑު ވާނުވާ އެއް ނޭނގި ބަޖެޓު ފުރިހަމަކަމަށް ސަރުކާރު މެންބަރުން ވިދާޅުވަމުން ގެންދަވާތީ އެކަމަށް އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

"ނޭނގި ތިބެ މި ފޮތަކީ މި ބަޖެޓަކީ ސައްތަ އިންސައްތަ ރަނގަޅު އެއްޗެކޭ ބުނަން ހެޔޮވެސް ނުވާނެ،" ސިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑު ހަމަ އާދޭސްއާ އެއްކޮށް ދަންނަވަން އިއްޒަތްތެރި ރައީސް، މި ބިލު، މި ބަޖެޓު [ފޮތް އަނބުރާ] ގެންދަވާށޭ، ގެންގޮސް އަޅުގަނޑުމެންނަށް ތަންދޮރު އެނގޭނެ ގޮތަކަށް އަޅުގަނޑުމެންނަށް މި ބަޖެޓު [ފޮތް] ހުށަހަޅުއްވައިދެއްވާ،"

ބަޖެޓުގެ ތަފްސީލު އިސްލާހުނުކުރަނީސް ބަޖެޓު ފާސްކުރުމަށް ވޯޓު ނުދެއްވާނެ ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.