އިންގްލިޝް ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ 18 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޖައްސަ ޖައްސައިގެން 4 މެޗުން ބަލިވެއްޖެއެވެ.

މިގޮތުން، މިރޭ ލީގުގައި އެޓީމު ވަނީ ބްރައިޓަން އަތުުން 2-1 އިން ބަލިވެފައެވެ.

މިމެޗުގައި ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނެގީ ސިޓީންނެވެ. ފުރަތަމަ ހާފްގައި މެޗުގެ 23 ވަނަ މިނެޓްގައި މިލަނޑު އެޓީމަަށް ކާމިޔާބުކޮށް ދިނީ ފޯވަޑް އާލިންގް ހާލެންޑެވެ.

ހާލެންޑް ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ/ފޮޓޯ: އެކްސް

މެޗުގެ ފުރަތަމަ ހާފް ނިމުނީ ސިޓީ ކުރީގައި އޮވެގެންނެވެ. އެހެން ނަމަވެސް ދެވަނަ ހާފް ނިމެންދަނިކޮށް ފަސް މިނެޓްގެ ތެރޭގައި ދެލަނޑު ޖަހައިގެން ބްރައިޓަން ވަނީ ނަތީޖާ އަނބުރާލާފައެވެ.

ބްރައިޓަންގެ ފުރަތަމަ ލަނޑު ޖަހަނީ/ފޮޓޯ: އެކްސް

މި ނަތީޖާއާއެކު ވެސް ސިޓީ އަދި ވެސް އޮތީ ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް ލިވަޕޫލް މިރޭ އެސްޓަން ވިލާއާ ކުޅޭ އިރު މި މެޗުން ތިން ޕޮއިންޓް ހޯދައިގެން ލިވަޕޫލަށް ސިޓީއާ 5 ޕޮއިންޓް ދުރަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ.

މިރޭގެ ނަތީޖާއާއެކު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއަށް ވެސް މިވަނީ ހައިރާންކުރުވަނިވި ރިކޯޑަކާ ކުރިމަތިލާންޖެހިފައެވެ. މިއީ މީގެ ކުރިން ބާސަލޯނާ އަދި ބަޔާން މިއުނިކް ކޯޗުކޮށް ދިން ގާޑިއޯލާގެ ޓީމެއް ޖެހިޖެހިގެން 4 މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.

ކަރަބާއޯ ކަޕްގައި ސިޓީ ޓޯޓެންހަމް އަތުން 2-1 އިން ބަލިވެ އެމުބާރާތުން ކެޓިތާ މާ ގިނަ ދުވަހެއް ނުވެ ކުޅުނު ލީގު މެޗުގައި ވަނީ ބޯންމޮތް އަތުން 2-0 އިން ބަލިވެފައެވެ. އަދި ހުސްވި ހަފްތާގެ ޗެމްޕިއަންސް ލީގު މެޗުގައި ޕޯޗުގަލްގެ ސްޕޯޓިން 4-1 އިން ސިޓީ ބަލިކުރިއެވެ.